މަރާލާފައިވާ މީހުންނާއި ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަނަށް ކުރިިމިނަލް ކޯޓްގެ ބައެއް ގާޒީންނާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތައް ސުޕްރީމް ކޯޓާ ހިއްސާކޮށްދޭން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން އެދިއްޖެ އެވެ.
ޑީޖޭއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ މައުލޫމާތު ސުޕްރީމް ކޯޓުން ހިއްސާކޮށްދޭން އެދިފައިވަނީ، ޝަރުޢީ ދާއިރާ އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ހަގީގަތް ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ގާނޫނީ އިމުގެތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ ކަންކަމުގެ މައުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ހޯދުމަށް ކަމަށެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ފަރާތުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި، ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު އިންސާފު ނުލިބޭނެކަމަށާއި، ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގްތަކުގެ ނުފޫޒު ފޯރާފައިވާކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން ވަކި ބަޔަކު ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ބައެއް ގޭންގްތަކުން މަސައްކަތް ކުރި ކަމަށާއި، ގޭންގްތަކުން ނޮމިނޭޓްކުރާ ފަރާތްތައް ކޯޓުތަކަށް އައްޔަންކުރުމަކީ ހިނގާފައިހުރި ކަންތައްތައްކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގްތައް ހަރަކާތްތެރިވާ ކަމަށްވެސް ބުނެފައިވެ އެވެ
މީގެ އިތުރުން މަރުގެ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންނާއި ގޭންގްތައް ގުޅިގެން މީހުން ކުށުން ބަރީއަކޮށްފައިވާ ކަމަށާއި، އަދި ގޭންގްތަކާ ގުޅުންހުރި މައްސަލަތައް ކުރިއަށްދާއިރު ބައެއް ސިއްރު ހެކިތައްދޭ ފަރާތްތަކުގެ މަޢުލޫމާތު ގޭންގްތަކަށް ދިނުމަކީވެސް ކޯޓުތަކުގެ ތެރެއިން ކޮށްފައިވާ ކަންތައްތައް ކަމަށެވެ. އަދި މީގެއިތުރުން ނުފޫޒުގައި ޖެހި ހެކި ގެއްލުވާލައި ޢަދުލު އިންޞާފަށް ހުރަސްއެޅުމުގެ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަކަމަށް ބުނެ އެ ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވާފައިވާ ކަމަށް ޑީޖޭއޭއިން ވަނީ ބުނެފަ އެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަތަކަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.