ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވާ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަށް ބަލާ ކޮމިޝަނުން ޖުޑިޝަރީއާއި ގުޅޭގޮތުން ދައްކާފައިވާ ވާހަތަކުގެ ހެކިތަކާއި، ތަފްސީލު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑޭޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ، މަރުގެ ތަކުގެ މައްސަލަބަލާ ކޮމިޝަނުން ޑިސެމްބަރު މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓުތަކުން މައްސަލަތަށް ނިންމާގޮތާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއްކޮށް ދައްކާފައިވާ ވާހަކަތަކުގެ ހެކިތަކާއި ތަފްސީލު 6 ޖެނުއަރީގެ ކުރިން ސުޕުރީމްކޯޓާއި ހިއްސާކުރުމަށް ސިޓީއަކުން އެދުނު ކަމަށާއި، އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި އެ ކޮމިޝަނުން 8 ޖެނުއަރީގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މާޖިދު ވިދާޅުވީ ޖުޑީޝަރީއާއި ގުޅޭގޮތުން ސުއޫދު ދެއްކެވި ވާހަކަ ތަކަކީ ސުޕުރީމްކޯޓުގެވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ވާހަކަތަކެއް ކަމަށާއި، އެކަމުގެ ހަގީގަތް ކޮންމެހެންވެސް ރައްޔިތުންނަށްވެސް އެނގެން ޖެހޭ ކަމަށެވެ. އެތަފްސީލުތަށް ހޯދުމަށް އެދިފައިވަނީވެސް އެ ސަބަބާހުރެ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ކޮމިޝަނުން ފޮނުވި ސިޓީގައި އެކަމަށް އިންކާރު ކުރާ ވަކި ސަބަބެއްވެސް ބަޔާންކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޑިސެމްބަރު 30 ވީ ދުވަހު އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ކުރާ ތަހުގީގުތަކަށް ފަހު ޝަރުއީ ނިޒާމުގެ ތެރެއިން ރަނގަޅަށް އެ މައްސަލަތައް ކުރިޔަށް ދިޔުން ވަރަށް މުހިންމު ކަމަށެވެ. އެހެން ނަމަވެސް ކޯޓުތައް ހުރީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފައި ކަމަށާއި މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތަށް ބައެއް ފަނޑިޔާރުން ހަދާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
"ފަނޑިޔާރުން ވެސް ކޮންމެވެސް ވަރަކަށް ޝާމިލުވެގެން އެބަހުރި މަރުތަކުގެ މައްސަލަ ސާބިތު ނުކޮށް، ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗައް ފޯރާފައި އެބަހުރި، ގޭންގުތަކުން ބައެއް ހެކިން ހާޒިރުކޮށްފައި ތިއްބާ ހެކިންނަށް ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަހުރި، ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި،" ސުއޫދު ވިދާޅުވެފައިވެއެވެ.
ސުއޫދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާ އިރު، އެކަންކަމުގެ ހަގީގަތް ސުޕުރީމްކޯޓާއި ހިއްސާ ކުރުމަށް އެދި ސުޕުރީމްކޯޓުން ފޮނުވި ސިޓީއަށް ޖަވާބުދެމުން އެ ކޮމިޝަނުން ވަނީ އެކަންކަން ހިއްސާ ކުރުމަށް އިންކާރު ކުރައްވާފަ އެވެ.