އޮއިވާލި ކަނދުފަތިތައް ކައިރީގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ނުކުރުމަށާއި އެގޮތަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީސް މިިނިސްޓިރީން ބުނެފި އެވެ.
މިނިސްޓިރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮއިވާލި ކަނދުފަތިތައް ކައިރީގައި ކުދި އުޅަނދު ފަހަރުތަކުން މަސްވެރިކަން ކުރުން މަނާ ކޮށްފައި މަހުގެ ބާވަތްތަކުން މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަން ކުރަމުންދާތީ ފުލުހުން އަދި ކޯސްޓުގާޑް ބޭނުން ކޮށްގެން އެކަން ބަލަމުން އަންނަ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަނދުފަތިތަށް ކައިރީގައި ވަދު އަޅައިގެން މަސް ބޭނުމާއި، ދިރޭ އެން ޖަހައި ފައްތައިގެން މަސް ބާނާ ހެދުމުން އެ ސަރަހައްދަށް މަސް އައިނު ތިލަ ވުމަށާއި ސަރަހައްދުގައި މަސް ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދޮށީގެ މަސްވެރިކަމަށް އަސަރު ކުރާ ކަމަށެވެ.
ކަނފަތިތަކުގެ ތިން މޭލު ކައިރިން ދިރޭ އެން ޖަހައިގެނާއި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުން އަދި، ވަދު އަޅައިގެން މަސްވެރިކަން ކުރުމާއި މީގެ އިތުރުންވެސް ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކޮށްފައިވާ އޮންނަ ކަމެކެވެ.