ހަބަރު

ޕީޖީ އަމަލުކުރާނެ ގޮތުގެ އާ ސިޔާސަތެއް އޭޖީ ކަނޑައަޅުއްވައިފި

ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލް އަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ގާނޫނު އަސާސީގެ ދަށުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކަނޑައަޅުއްވައިފި އެވެ.

ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލް އަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ)ގެ ދަށުން ބަންޑާރަ ނައިބު މިއަދު ކަނޑައަޅުއްވައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ވަނީ އަންގަވާފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސަތުތައް ކަނޑައެޅުއްވުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ، ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ، ކުށް ކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރެވި، އެ ފަރާތްތަކުގެ ކިބައިން މުޖުތަމައު ރައްކާތެރިކޮށްދިނުމުގެ މަގުސަދު ހާސިލުކުރެވިގެންދާއިރު، އެކަން ކުރެވެނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން އެ ފަރާތަށް ލިބިދިނުމާއެކު، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށް ބާރުއެޅުމަށް ކަމަށެވެ.

ގާނޫނު އަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމަށްފަހު އެ އަހަރު އާންމުކުރި ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ، ކުށުގެ ބާވަތަށް ބިނާކޮށް، އާންމު އުސޫލެއްގެ ގޮތުން ދައުވާކުރެވެންވާނެ
ބާވަތުގެ މައްސަލަތަކެއް ފާހަގަކުރުމަށެވެ.

ނަމަވެސް، މިއަދު ބަންޑާރަ ނައިބު އާންމު ކުރި ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަކީ، ޖިނާއީ ކުށްކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިދޭ ބާރުތައް އޭނާ ބޭނުންކުރުމުގައި އިސްކަންދޭންވީ ބާވަތުގެ މައްސަލަތަކެއް ކަނޑައެޅުއްވުމަށް ބުރަވުމުގެ ބަދަލުގައި، އެ މަސްއޫލިއްޔަތު ޕްރޮސިކިއުޓާ ޖެނެރަލް އަދާކުރާނީ އަދި އެކަން ކުރުމުގައި އޭނާއަށް ލިބިދޭ ބާރުތައް ބޭނުންކުރައްވަނީ، ވަކި ފަރާތަކަށް ބުރަވެވަޑައިގަތުމެއް ނެތި، މިނިވަންކަމާއެކު، ތައައްސުބުން އެއްކިބާވެ ހުރެ، ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ކަށަވަރުކުރުމަށްޓަކައި ކަނޑައެޅި ސިޔާސަތަކެވެ.

އެގޮތުން، ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގަ އާއި އެފަދައިން ކުރާ ދައުވާތައް މުރާޖައާކުރުމުގައާއި، އަދި ދައުވާނުކޮށް ދޫކޮށްލުމަށް ނިންމާ ނިންމުންތަައް ނިންމަވަނީ، ހަމަހަމަކަމާއެކު، ހާމަކަންބޮޑު ގޮތެއްގައި، އަދި ގާނޫނީ ހަމަތަކާ އެއް ގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރެއްވުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް ރިއާޔަތްކުރަންވާނެ އާންމު ސިޔާސަތުތަކެއް ހިމަނާފައިވެ އެވެ.

އޭގެއިތުރުން އިތުރުން، ބަންދުކުރެވޭ މީހުން ބަންދުކުރެވޭ ހާލަތްތަކާއި ބަންދުގައި ބޭތިއްބޭނެ ޝަރުތުތައް މުރާޖައާކުރުމުގެ މަސްއޫލިއްޔަތާއި، ތަހުގީގީ އިދާރާތަކުން ހިންގަންޖެހޭ ތަހުގީގުތައް ހިންގާތޯ ބެއްލުމަށް ގާނޫނު އަސާސީން ޕްރޮސިކިއުޓާ ޖެނެރަލާ މަތިކޮށްފައިވާ ޒިންމާތައް، ހާމަކަންބޮޑު ގޮތެއްގައި އަދާކުރުމަށް ބާރުއެޅުމަށް ވެސް އުސޫލުތަކެއް އާ ސިޔާސަތުގައި ހިމަނާފައިވެ އެވެ.

ބަންޑާރަ ނައިބުން ކަނޑައެޅި މި ސިޔާސަތުތަކަކީ، ކުޑަކުދިންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭއިރު، އެ ކުދިންގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުސޫލަކުން، އަދި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ ނިޒާމެއްގެ ތެރެއިން އެ ކުދިންނާމެދު ކަންކުރެވިގެންދިޔުމަށް ބާރުއަޅައިދޭ ސިޔާސަތެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ބަންޑާރަ ނައިބު ކަނޑައެޅުއްވުމާއެކު، 2008 ވަނަ އަހަރު އާންމުކޮށްފައިވާ ސިޔާސަތުތައް ވަނީ އުވިފަ އެވެ.