މަޝްހޫރު ފުޓުބޯޅަ ތަރި މިޝޭލް ސަލްގާޑޯގެ އެހީތެރި ކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ހާއްސަ މަސައްކަތްތަކެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ސަލްގާޑޯގެ އެހީތެރިކަން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ހޯދާކަން އިއުލާނު ކުރެއްވީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދެވެ.
ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރަން ރާއްޖެ އައި ސަލްގާޑޯއާއެކު، ޓޫރިޒަމް މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ޔޫރަޕުގެ ބޮޑެތި ޓީމުތައް ރާއްޖެ ގެނައުމަށް ވެސް ޕްލޭން ކޮށްފައިވާ ކަމަށެވެ.
"ޓޫރިޒަމް ކުރިއެރުމުގެ ގޮތުން ސްޕޯޓްސް ޓޫރިޒަމް ފުޅާ ކުރުން އަމާޒަކީ. ކުރިން މި ފެންނަނީ ލެޖެންޑުން ޗުއްޓީ ހޭދަ ކުރަން އެކަނި އަންނަތަން. ނަމަވެސް މި އަހަރު ތެރޭގައި އަހަރަކު ރަނގަޅު ކްލަބެއް ގެންނަން މަސައްކަތް މިކުރަނީ. މިކަމުން އިންޑައިރެކްޓް އަދި ޑައިރެކްޓް މާކެޓިން ލިބިގެންދާނެ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕުގެ ސްޕޮންސާޝިޕާ ހަމައަށް "ވިޒިޓް މޯލްޑިވްސް" ގެންދިއުމަކީ އޭނާގެ އަމާޒެއް ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ ފެސިލިޓީސް ގާއިމް ކުރެވޭނެ. މި ކަންކަން ގާއިމް ވެގެން ދިއުމުން ހުރިހާ ގޮތަކުން ވެސް ނަފާ ލިބިގެންދާނެ،" އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު ހަވާ ނޭރުވި ނަމަވެސް މުޅި އަހަރަށް ބަލާލައިގެން ޓޫރިޒަމްގެ ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.
"އިރާދުކުރެއްވިއްޔާ ހަވާ ވެސް ފެންނާނެ. ހުރިހާ ކުޅިވަރުތަކެއް ވެސް ކުރިއެރުން ހޯދައިދިނުން މަގުސަދަކީ،" އަލީ ވިދާޅުވި އެވެ.
މި ނޫސްކޮންފަރެންސުގައި ސަލްގާޑޯ ބުނީ ރާއްޖެއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލު ކުރެއްވި ކަމަށް އޭނާ ބުންޏެވެ.
"އެންމެވެސް ރާއްޖެ ދަންނާނެ. މި ގުޅުމުގެ ދަށުން ޓީމުތަކާއި ކުޅުންތެރިން ވެސް ގެނެވޭނެ،" ސަލްގާޑޯ ބުންޏެވެ.
ސްޕެއިންގެ ކުރީގެ ޑިފެންޑަރު ސަލްގާޑޯގެ ފުޓްބޯޅަ ކެރިއަރު ފެށީ ސެލްޓެ ޑެ ވިގޯއިންނެވެ. އެ ކުލަބަށް 11 މިލިއަން ޔޫރޯ ދިނުމަށް ފަހު ރެއާލް މެޑްރިޑުން އޭނާ ގެނައީ 1999 ވަނަ އަހަރު އެވެ. އޭނާގެ ފުރަތަމަ ސީޒަންގައިވެސް އޭނާ ވަނި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޕެރިސްގައި ހުންނަ ފްރާންސްގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު 2000 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރަން ރެއާލްގެ ފެނާންޑޯ މޮރިއެންޓެސްއަށް ބޯޅަ ތަނަވަސް ކޮށްދިނީ ސަލްގާޑޯ އެވެ. އޭގެ ދެ އަހަރު ފަހުން ނުވަ ވަނަ ފަހަރަށް ރެއާލުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އެ ޓީމުގައިވެސް އޭނާ މޮޅަށް ކުޅުނެވެ.