ލައިފްސްޓައިލް

މިފަހަރުގެ ދަތުރު، މި ފޮޓޯ ނަގަން!

ބޮޑު ޗުއްޓީއަށް ދިމާކޮށް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކަށް އާއިލާ ނޫނީ ރައްޓެހިންނާއެކު ދަތުރު ނުދާ މީހަކު ވަރަށް މަދުވާނެ އެވެ. މިކަހަލަ ދަތުރުތަކުގައި ކެއްކުމާއި ގޮނޑުދޮށުގައި ކުޅުމާއި މޫދުގައި ސަކަރާތް ޖެހުމަކީ ކޮންމެހެން މަޖުބޫރު ކަންކަމެވެ. މަޖުބޫރު މި ލިސްޓަށް މި އަހަރު މިއޮތީ އަލަށް ކަމެއް އިތުރުވެފަ އެވެ. ހާއްސަ ފޮޓޯއެއް ނެގުމެވެ.

މިއީ ބަންގްލަދޭޝަގެ ފުރާވަރުގެ ހަތަރު ކުއްޖަކު "ބަންގްލަދޭޝް ސްޓައިލް" ގެ ނަމުގައި ނެގި ފޮޓޯއެކެވެ. އެކުވެރިކަމުގެ ބަދަހި ގުޅުން ދައްކުވައިދޭން އެ ކުދިން ފޮޓޯ ނެގީ އެކަކު އަނެއް ކަކުގެ ކޮނޑަށް އަރައިގެންނެވެ.

މި ފޮޓޯ މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގެ ސޯޝަލް މީޑިއާގެ ސަމާލު ކަމަށް އައެވެ. މިކަހަލަ ފޮޓޯއެއް ނަގާލަންވީދޯއޭ ކިޔާ ކޮމެންޓް ކޮށްލައިގެން އޭރު ތިބީ އެވެ. އަމަލީ ގޮތުން މިކަން ކުރުމުގެ ފޯރި ވައިގައި ހިފީ، "ދަ ލޮޖިކަލް މޯލްޑިވިއަން" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖަކުން "ޓްރައި ދިސް" ކަމަށް ބުނެ ޗެލެންޖެއް އާންމު ކުރުމުންނެވެ.

އެ ޗެލެންޖަށް ގިނަ އިރުތަކެއް ނުވަނީސް ޒުވާނުތަކެއް ޗެލެންޖު ގަބޫލު ކޮށްފިން ކަމަށް ބުނެ، "ބަންގްލަދޭޝް ސައިޓް" ގެ އެކަކު އަނެކަކު ގައި މައްޗަށް އަރައިގެން ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި އެވެ. އެހިސާބުން އެ ފެށުނު ފޯރި އަދިވެސް މައިތިރިނުވެ އެވެ.

ހަތަރު ޒުވާނަކު އެއްވާއިރަށް އެންމެ ފުރަތަމަ ވެސް ނަގަން ވިސްނުން އަންނަނީ މި ފޮޓޯ އެވެ. މިކަމުގައި ކުރީގައި ތިބީ ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. އެތައް ގިނަ އަންހެން ކުދިންނެއް ވެސް މިހާރު ވަނީ މި ފޮޓޯ ނަގާފަ އެވެ. ގޮނޑުދޮށަށް ދަތުރު ދެވިއްޖެނަމަ މި ފޮޓޯ ނަގަން މަޖުބޫރު ކަހަލަ އެވެ. ކުޑަކުދިން ވެސް ވަކި ތިބީ ފަހަތަކު ނޫނެވެ.

ދިވެހިންގެ ތެރޭގައި ބަންގްލަދޭޝް މީހުން އިތުރުވެ، އެމީހުން ނުފޫޒު ގަދަވަމުންދާއިރު "ބަންގްލަދޭޝް ސައިޓް" ގެ ގޮތުގައި ނެގި ފޮޓޯގެ ނުފޫޒު ވެސް މިއޮތީ ދިވެހިންގެ ތެރޭގައި ވަރަށް ނުފޫޒުގަދަވެފަ އެވެ. "ބަންގްލަދޭޝް ސައިޓް" މިހާރު މިއީ ދިވެހިންގެ އެއްޗެއްކަށް ވަނީ ހަދާފަ އެވެ.