ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރު ލަފާދިން މުއްދަތު ހަމަވެގެން: ހޯމް މިނިސްޓަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދިޔައީ، ގޭގައި ބަހައްޓައިގެން ފަރުވާ ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ މުއްދަތު ހަމަވުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނަށް ފަހު، ޑޮކްޓަރުގެ ލަފާގެ މަތިން، އަދީބު ގެއަށް ބަދަލު ކުރީ، މިދިޔަ ނޮވެމްބަރު 27ގަ އެވެ.

އަދީބު އަލުން ޖަލަށް ގެންދިޔުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ގޭގައި ބަހައްޓައިގެން ފަރުވާ ކުރިއަށް ގެންދަން ލަފާދީފައި އޮތީ 24 އޮކްޓޯބަރު 2018 ގައި ކަމަށެވެ. އަދި 24 ޑިސެމްބަރު 2018 ގެ ފަހުން އެފަދަ ލަފައެއް އަދީބުގެ ޑޮކްޓަރުން ދެއްވާފައި ނެތް ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"ހަމަޖެހިފައިވާ އުސޫލުގެ މަތިން ފަރުވާގެ ކަންކަން ބަލަހައްޓާނެ. އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްގެއް ގާނޫނާ ހިލާފަށް މި ސަރުކާރުން ނުހިފަހައްޓާނެ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އަދީބު ގެއަށް ދޫކޮށްލުމާ އެކު، އޭނާ ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް، އެމްޓީޑީ ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، އެ ޕާޓީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ވެސް ކުރައްވައިފަ އެވެ. އަދީބަކީ އެ ޕާޓީގެ ވަގުތީ ރައީސްވެސް މެ އެވެ. އެހެން ނަމަވެސް އީސީއިން ވަނީ އަދީބަށް ޕާޓީގެ ރައީސްއަކަށް ނުވެވޭނެ ކަމަށް ބުނެފަ އެވެ.