ވިޔަފާރި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަޔަކަށް ގެނައުމަށް މި އަހަރުގެ ތެރޭގައި ސިޔާސަތެއް އެކުލަވާލުމަށް ފިނޭންސް މިނިސްޓްރީ އިން ނިންމައިފި އެވެ.

މިއަހަރުގެ ތެރޭގައި އެ މިނިސްޓްރީއިން ކުރަން ނިންމާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން، ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރު ކުންފުނިތަކުގެ މެންޑޭޓްގައި ފުށުއެރުންތައް ހުރުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުތައް ރިވިއު ކުރުމަށް ފަހު، މިހާރުގެ ގާނޫނާއި، ގަވާއިދުތަކާއި، އަދި އުސޫލުތަކާއި އެއްގޮތަށް އިސްލާހުކުރާނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތައް ޕާފޯމަންސަށް ބަލައިގެން ގިންތި ކުރުމަށް ވެސް ވަނީ ރާވައިފަ އެވެ.

"މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި، ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ރިވިއުކޮށް އެއްގޮތް ކުރުމަށް ވަނީ ނިންމާފައި،" ބަޔާނުގައިވެ އެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން އަމަލު ކުރުމަށްޓަކައި، ކޯޕަރޭޓް ގަވަނަންސް ކޯޑު އޯއީސީޑޯ ސްޓޭންޑަޑަށް ތައްޔާރުކޮށް އާންމު ކުރާނެ ކަމަށެވެ. އަދި މިއާ އެކު،
ކުންފުނިތަކުގެ މައުލޫމާތުތައް ފަސޭހައިން ހޯދުމަށާއި، ކުންފުނިތަކުގެ މައުލޫމާތު ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ހާއްސަ ނިޒާމުތައް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގެ ކަންކަމަށް ވެސް މިނިސްޓްރީ އިން އިސްކަން ދިނުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން، ގްރީންޓެކްސްގެ ހަރަދުކުރާ ގޮތް ހާމަކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.