ވިޔަފާރި

އެޑްވެންޗާ އޮފް މޯލްޑިވްސް 27 ވީޑިއޯ ވޯޓަށް

އެޑްވެންޗާ އޮފް މޯލްޑިވްސް ވީޑިއޯ ތައްޔާރު ކުރުމުގެ މުބާރާތަށް ހުށަހަޅާފައިވާ 27 ވީޑިއޯއަށް ވޯޓުދޭން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހުޅުވާލައިިފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާމި ފުރުސަތު އަންނަ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. މި މުބާރާތަށް ހުށަހެޅި ވީޑިއޯތަކަށް ވޯޓުދެވޭނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން

އެޑްވެންޗާ އޮފް މޯލްޑިވްސް ވީޑިއޯ ތައްޔާރު ކުރުމުގެ މުބާރާތަށް 27 ވީޑިއޯއެއް ވަނީ ހުށަހަޅާފަ އެވެ. މި ވީޑިއޯތަކަށް ފޭސްބުކް މެދުވެރިކޮށް "ލައިކް" ނުވަތަ "ލަވް" ނުވަނަ "ވަވް" އެއް ދީގެން ވޯޓު ދެވޭނެ އެވެ. ވޯޓު ދެވޭނީ ވިޒިޓް މޯލްޑިވްސްގެ އޮފިޝަލް ޕޭޖުން އެވެ.

އެ ކުންފުނިން ބުނީ މުބާރާތަށް ހުށަހެޅި ވީޑިއޯތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ވީޑިއޯއެއް ޖަޖުންގެ ޕެނަލްއަކުން ނަގާނެ އެވެ. އަދި މި ވީޑިއޯތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރ. އަށް ދެވަނަ އަށް ގޯޕްރޯ އާއި 20،000ރ. ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި 10 ވިޑީއޯވެސް އެ ކުންފުނިން ރާއްޖެ އިޝްތިހާރު ކުރަން ހިންގާ ހަރަކާތްތަކުގައި ބޭނުންކުރާނެ ކަމަށެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާ އެމްއެމްޕީއާރުސީ އިން މި ހަރަކާތް ހިންގުމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ރީތިކަން ދުނިޔެއަށް ދައްކާލައި، އެޑްވެންޗަރަސް އެކްޓިވިޓީތައް މަގުބޫލު ކުރުވުމެވެ. މި މުބާރާތް އެންމެ ފުރަތަމަ ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.