ފިނިޕޭޖް

ޝަމްވީލްގެ އަމިއްލަ ލަވަ، މަސްވެރިންނަށް!

މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަންގެ ރަނަރަޕް، ޝަމްވީލް މުހައްމަދު ނުވަތަ އެންމެންގެ (ބަރޯ) އަކީ އައިޑަލް ނިމުމަށްފަހު ވެސް މި ދާއިރާއިން ނުގެއްލޭނެ ކަމަށް އަޒުމުގައި ހުރި ތަރި އެކެވެ. މިދިޔަ އަހަރު ނެރުނީ ކުޑަކުދިންނަށް ހާއްްސަ ލަވަ އެެކެވެ. މި އަހަރު ފަށަނީ އަމިއްލަ އަލްބަމަަކުންނެވެ.

އަމިއްލަ ރާގަކާއެކު، ނައުފަލްގެ ޅެމަށް ޝަމްވީލް ކިޔައިދީފަ މިވަނީ "އޮޑިދީލަ" އެވެ. މަސްވެރިކަން ކުރަން ނޭނގޭ މީހަކު ކަނޑުމައްޗަށް ނިކުތުމުން ދިމާވާ ގޮންޖެހުންތައް ލަވައިގައި ކިޔައިދޭނެ އެވެ. ކަނޑުމައްޗަކީ ކިހާ ވަރެއްގެ ތަނެއްކަންވެސް ކިޔައިދެ އެވެ.

"އޮޑިދީލަ" އިން ބެލުންތެރިންނަށް އިއްވާލާފައި މިވަނީ ކުޑަ ތަންކޮޅެކެވެ. ޝަމްވީލްގެ ޓްވިޓާގައި ބެލުންތެރިންނަށް އެ ލަވައިގެ ޓީޒާ ދޫކޮށްލަމުން ބުނީ މި މަހުގެ 10 ގައި މި ލަވަ އެއްކޮށް އަޑު އަހާލަން ލިބޭނެ ކަމަށެވެ. އަދި ލަވަ ރިލީޒް ކުރުމުން ލަވަ ފޮށީގައި ވެސް އިންނާނެ ކަމަށް ބުނެ އެވެ.

މުޅި ލަވަ އެއްކޮށް ނިމި، ޝަމްވީލްގެ "ސޮރު" އަލްބަމް ބެލުންތެރިންނާ ހަމައަށް އަންނަށް ދުވަސްކޮޅެއް ނަގާނެ އެވެ. " އަދި އަޅުނގަނޑަށް ނިމިފައި މި އޮތީ ތިން ލަވަ. އަލްބަމް އެއްކޮށް ނެރުމުގެ ބަދަލުގައި އަލްބަމްގެ ދަށުން ވަކި ވަކިން ކޮންމެ ލަވައެއް ނެރޭނީ. އަދިވެސް އިތުރަށް ލަވަތައް ހަދަމުން މިދަނީ، އެހެންވީމަ މުޅި ލަވައެއްކޮށް ނިމެން ދުވަސްކޮޅެއް ނަގާނެ".

މޯލްޑިވިއަން އައިޑަލް އަކީ މިއުޒިކީ ދާއިރާއަށް ނިކުތުމަށް ފުރުސަތު ދެވުނު އެންމެ ބޮޑު ޕްލެޓްފޯމެވެ. އައިޑަލް އަށްފަހު، މި ދާއިރާއިން ކުރިއަށްދާ މަންޒަރު ނުފެންނަ ކަމަށް އައިޑަލްގެ ސަޕޯޓަރުން އަބަދުވެސް ޝަކުވާ ކުރެ އެވެ. އެހެންނަމަވެސް، މި ދާއިރާއިން ނުގެއްލި ޝަމްވީލް ވަނީ މީގެ ކުރިންވެސް ލަަވައެއް ނެރެފަ އެވެ. އޭނާގެ ކަވާ ލަވަތަކާއި، އަމިއްލަ ހުށަހެޅުންތައް މެދުނުކެނޑި ބެލުންތެރިންނަށް ގެނެސްދެ އެވެ.