ވިޔަފާރި

އާ ވީއައިޕީ އިމާރާތުގެ އޮނިގަނޑުގެ 80 ޕަސެންޓް ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން ގެންދާ އާ ވީއައިޕީ އަދި ސީއައިޕީ އިމާރާތުގެ އޮނިގަނޑުގެ 80 ޕަސެންޓް ނިމިއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ވީއައިޕީ އިމާރާތުގެ ފުރަތަމަ ފޭސްގެ ސްޓްރަކްޗާގެ 80 ޕަސެންޓު މަސައްކަތް ނިމުނުއިރު، ދެވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"އިމާރާތުގެ ސްޓްރަކްޗާއަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރީ ސައިޓުގައި. ފްލޯތައް ހަދަން ބޭނުންވާ ސާމާނާއެކު އަންނަ ހަފުތާ މަސައްކަތް ފެށިގެންދާނެ،" އެމްއޭސީއެލްއިން ބުނެފައިވެ އެވެ.

ވީއައިއޭގައި އަލަށް ހަދާ ވީއައިޕީ އިމާރާތް ހަދަނީ މިހާރުވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. އަދި މިތަން ތައްޔާރު ކުރަމުންދަނީ އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ކުރިން އެކުއާ ރެސްޓޯރަންޓު ހަދާފައި ހުރި ތަނުގައި ހަދާ މިތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ބައެއް ރިސޯޓްތަކާއި އެހެން ވެސް ބޮޑެތި މޯލްތައް ޑިޒައިންކޮށްފައިވާ ޔޫޖީ ޔަމަޒަކީ އާކިޓެކްޗާ ޕީއެލްއެލްސީނެވެ. ޔަމަޒާީއަކީ ކުޑަދޫ އާއި ހުރަވަޅި ރިސޯޓު ފަދަ ގިނަ ރިސޯޓުތަކެއް ފަރުމާކޮށްފައިވާ ތަޖުރިބާކާރެކެވެ.

ހަތަރު ބުރިއަށްވާ ގޮތަށް ހަދާ މި ފުރިހަމަ އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ފަތުރުވެރިންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރެއް ވެސް ހުރެ އެވެ.