ވިޔަފާރި

ބަނގުރޫޓުވި ބީސީސީއައިގައި 2000 އަށްވުރެ ގިނަ ދިވެހިންގެ ފައިސާ!

މީގެ އަށާވީސް އަހަރު ކުރިން ބަނރޫޓުވި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނެޝަނަލް (ބީސީ.ސީއައި) ރާއްޖޭގެ 2000 އަށްވުރެ ގިނަ މީހުންގެ ފައިސާ ނުނަގައި އެބަހުރި ކަމަށާ، އެ ފައިސާ ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަހު ފުރުސަތު ދީފި އެވެ.

އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ބަންދުކުރެވިފައިވާ ބީސީސީއައި ރާއްޖޭގެ ގޮތްޕަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެ އިން އާންމު ފަރާތް ތަކަށް ލިބެން ޖެހޭ ފައިސާ އޯގަސްޓް 5، 1998 އިން ފެށިގެން ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އަދިވެސް ފައިސާ ނުނަގައި އެބަހުރި ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ގޮތުގައި ފައިސާ ނުނަގައި 2،079 މީހަކު އެބަހުރި ކަމަށެވެ. އެ އިއުލާނުގައި އެ މީހުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ. އެ ފައިސާ މި އަހަރުގެ މާޗް މަހުގެ ކުރިން ނަގަން އިލްތިމާސް ކޮށްފައިވެ އެވެ.

ޕާކިސްތާނުގެ މަހުޖަނެއް ކަމަށްވާ 1972 ވަނަ އަހަރު އުފެއްދި މި ބޭންކުގެ ގޮފިތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުޅުވި އެވެ. އަދި މި ބޭންކް ބަނގުރޫޓުވެފައިވަނީ 1991 ވަނަ އަހަރު އެވެ. އަދި މިއީ އެ ދުވަސްވަރު ހިންގި މިފަދަ އެެންމެ ބޮޑު އެއް މައްސަލަ އެވެ.