ހަބަރު

ތަފާސް ހިސާބުގެ އެހީގައި ބަދަލު ގެނެވޭނެ: މިނިސްޓަރު

ކުޑަކުދިންނާ ގުޅުން ހުރި ތަފާސްހިސާބުތަކުގެ އެހީގައި ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ކުރިއަށް ގެންދިޔަ "ޗިލްޑްރަން އިން މޯލްޑިވްސް ޑިސެމިނޭޝަން ސެޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، ތަފާސްހިސާބުތައް މެދުވެރިކޮށް ކުޑަކުދިންނާ ގުޅުން ހުރި ޤައުމީ ޕްލޭންތައް ހެދޭނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ބޭނުންވާ ހިދުމަތްތަކާއި ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ މިންވަރުވެސް ދެނަގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތައް ކޮންމެދުވަހަކުވެސް މިނިސްޓްރީއަށް ހުށަހެޅޭއިރު، ބައެއް ފަހަރު މި ބާވަތުގެ މައްސަލަތައް އެކި ސަބަބުތަކާ ހުރެ ރިޕޯޓު ނުކުރެވޭ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅެނީ ޖިންސީ ޖިސްމާނީ އަދި ނަފްސާނީ ހާނީއްކައިގެ މައްސަލަތަކެވެ. އަދި މިނިސްޓްރީއަށް ރިޕޯޓުކުރާ ކޮންމެ މައްސަލައެއް ވެސް ބަލައި، މިނިސްޓްރީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާނެ ކަމަށް ވިދާޅުވި އެވެ.