މި މަހުގެ ދެވަނަ ދުވަހުން ފެށިގެން، އަގު ހެޔޮ ކުރި އެތެރޭގެ އުދުހުންތަކުގެ ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށައިފި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަގުތަކަށް ގެނައި މި ބަދަލާއެކު މޯލްޑިވިއަން އިން ދަތުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްގެ އަގުތައް ވަނީ މިއަދުން ފެށިގެން ހެޔޮވެފަ އެވެ.
އަގުހެޔޮ ކުރުމާއެކު ޓިކެޓުގެ އަގުތަކަށް އައި ބަދަލު:
- މާލެ - ގަން - މާލެ 1،698 ރުފިޔާ އާއި 2،666 ރުފިޔާއާ ދެމެދު
- މާލެ - ފުވައްމުލަށް - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
- މާލެ - ހަނިމާދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު
- މާލެ - އިފުރު - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
- މާލެ - ދަރަވަންދޫ - މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު
- މާލެ - ކުޑަހުވަދޫ - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
- މާލެ - ތިމަރަފުށި - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
- މާލެ - ކައްދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
- މާލެ- ކޫއްޑޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
- މާލެ - ކާޑެއްދޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
މޯލްޑިވިއަން އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އަގަތަކަށް އައި ހެޔޮ ބަދަލާއެކު ޓިކެޓު ވިއްކަން ފެށުމުން ދަތުރުކުރާ މީހުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
"އެންމެ އަގު ހެޔޮކޮށް ދަތުރު ކުރުމުގެ ފުުރުސަތު މިއަދުން ފެށިގެން މި ހުޅުވާލީ. މިހާރު ކުރިން އެންމެ އަގު ބޮޑުކޮށް ވިއްކަމުން ދިޔަ ދެ ފެއާ ނޯންނާނެ،" ވަސީމް ވިދާޅުވި އެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަސީމް ވިދާޅުވީ އަގު ހެޔޮ ކުރުމާއެކު ލޯވަސްޓް ފެއާގެ ޓިކެޓު ވެސް ލިބޭނެ ކަމަށެވެ.
"ކުރިއަށް ވުރެ އަގުހެޔޮ ފެއާގައި ޓިކެޓު ލިބޭ ވަރު ތިން ގުނަ އިތުރުވެގެންދާނެ،" ވަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓިކެޓުގެ އަގު ހެޔޮކުރުމުގެ އިތުރުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަންވެސް ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.
ގައުމީ އެއާލައިން އިން ބުނެފައިވާ ގޮތުގައި ޓިކެޓުގެ އަގު ހެޔޮ ކުރުމާއެކު ކުރިން އެންމެ އަގު ރޭޓުގައި ދޭ ޓިކެޓުގެ ޝީޓްވެސް އިތުރުކޮށްފައިވާ ކަމަށެވެ. މިހާރު ކޮންމެ ދުވަހަކުވެސް 15،000 ޝީޓް އިތުރަށް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.