ހަބަރު

މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ މަހު ހަތެއްގައި ދަރުބާރުގޭގައި

އަންނަ މަހުގެ ހަތް ވަނަ ދުވަހު މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ، މި އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ. ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ދަރުބާރުގޭގައި މަޖިލިސް ހުޅުވާ ޖަލްސާ ބާއްވާތާ މިއީ ހަތަރު ވަނަ އަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ތިން އަހަރު ވެސް މަޖިލިސް ހުޅުވާ ޖަލްސާ ބޭއްވީ ދަރުބާރުގޭގަ އެވެ. އެއީ އޭރުގެ އިދިކޮޅު މެންބަރުން ފާޑު ވެސް ވިދާޅުވި ކަމެކެވެ. އަދި އެކަމާ ގުޅިގެން ބައެއް މެންބަރުން އެ ޖަލްސާ ބޮއިކޮޓް ވެސް ކުރި އެވެ.

މި އަހަރަށް ޖަލްސާތައް އަންނަ މަހު ފަށާއިރު އެއީ މި މަޖިލީހުގެ އެންމެ ފަހު ދައުރެވެ. އަންނަ އޭޕްރީލް މަހު އާ މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ.

އަށާރަވަނަ މަޖިލީހުގެ އެންމެ ފަހު ޗުއްޓީގައި މިހާރު އޮތްއިރު، ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން މީގެކުރިން ނިންމާފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން ގޮތެއް ނުނިމެ އެވެ.

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ރައީސް ސޯލިހު ވެސް ބޭނުންފުޅުވާއިރު، އެއީ އެމަނިކުފާނު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލް ފާސް ނުވެ އޮތުމުން ބާއްވަން ބޭނުންވާ ޖަލްސާއެކެވެ.

އެ ބިލް ފާސްކުރުމަށް ނިމިގެންދިޔަ ދައުރުގެ ފަހު ޖަލްސާގައި އެޖެންޑާކުރި ނަމަވެސް އެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަޑައިގައިނުގެންނެވުމުން ވޯޓަކަށް ނާހަ އެވެ. އެއީ ހިތާމަ ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ ކަންކަން ފާސްކުރުމަށް އެ ދައުރު ދިގު ވެސް ދަންމާލި އެވެ.