ހަބަރު

އަދީބު ޖަލަށް ބަދަލުކުރީ އިގުރާރާ ހިލާފުވެ ސިއްހީ އިތުރު ކަމެއް ނެތީމަ: ކަރެކްޝަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އަނބުރާ ޖަލަށް ބަދަލު ކުރަން ޖެހުނީ ގެއަށް ބަދަލު ކުރަމުންވި އިގުރާރާ ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފައާ ހިލާފަށް ކަމަށް ބުނެ ކަރެކްޝަނަލް ސާވިސްއަށާއި ހޯމް މިނިސްޓްރީއަށް އަދީބު އިސްވެ ހުންނަވާ އުފެއްދި ޕާޓީ، އެމްޓީޑީއިން ދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްއިން ވެސް ވަނީ އަދީބަށް ޖަލަށް އަނބުރާ ގެންދިޔައީ ޑޮކްޓަރުގެ ލަފަޔާ ހިލާފުވާ ގޮތަށް ކަމަށް ބުނެފަ އެވެ.

އަދީބު އަނބުރާ ޖަލަށް ގެންދިޔަ ދުވަހު ނޫން އަނެއް ދުވަހު އަނބުރާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. މިހާރު ވެސް އަދީބު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ސިއްހީ ހާލަތަށްޓަކައި ބައެއް ފަހަރު ގޭބަންދަށް ބަދަލުކުރަނީ އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތަށް ބަދަލުކުރެވޭ ހާލަތްތަކުގައި ގައިދީއާ އެ ގައިދީންނާ ހަވާލުވާ ފަރާތުން ވަކިކަން ކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރުމަށްފަހު ކަމަށެވެ. އަދި އެ އިގުރާރާ ހިލާފުވާ ހާލަތުގައި އަނބުރާ ޖަލަށް ބަދަލުކުރުމަކީ އެ ސާވިސްއިން އާންމުކޮށް އަމަލުކުރަމުންދާ އުސޫލު ކަމަށް ބުންޏެވެ.

އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އެ ހޮސްޕިޓަލުގެ ޔޯރޮލޮޖީގެ ހާއްސަ ޑޮކްޓަރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަކިގޮތަކަށް އަމަލުކުރުމަށް އަންގާފައިވާ ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު އާންމުކުރެވިފައިވީ ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނީ ވަކި ހާއްސަ މާހައުލެއް ފޯރުކޮށްދިނުމާމެދު ރިއާޔަތްކުރުމަށް ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި، އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އަދީބު
ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ، ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައިނެތުމުންނެވެ. އަދި "ގޭބަންދުކުރާ ގާއިދީއާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިގުރާރު" ގައިވާ ގަވައިދާ ހިލާފަށް އަދީބު އަމަލުކޮށްފައިވާތީއެވެ.

އަދީބު ވަނީ ޖަލަށް ބަދަލުކޮށްފައިވާ މުއްދަތުގައި ސިޔާސީ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެމްޑީޓީއަށް ފުރަތަމަ ވެސް އަދީބު ސޮއި ކުރެއްވިިއިރު އެ ޕާޓީގެ ރައީސްގެ ގޮތުގައި އައްޔަން ކުރީ ވެސް އަދީބެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގަމާކަށް ހުކުމް ތަންފީޒުކުރާ މީހަކަށް ނާދެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އަދީބު ޖަލަށް ބަދަލުކުރީ ހުކުމް ތަންފީޒުކުރަމުންދާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދުގައިވާ ފަދައިން އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމް ކުރުމަށްފަހު ކަމަށް ވެސް ބުންޏެވެ. އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމަތަށް ގެއްލުންވާފަދަ އަމަލެއް ނުކުރާނެ ކަމުގެ ޔަގީންކަން ބަޔާނުގައިވަނީ ދީފަ އެވެ.