ހަބަރު

ހައިވޭގައި އެކްސިޑެންޓެއްވެ، ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުލެއިން ހުޅުމާލެއަށް ދާ ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓްގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:35 ހާއިރު، ހައިވޭގެ ހުޅުމާލެ ކޮޅުން ޔޫ ޓާން އެޅެން ހުންނަ ހިސާބުގަ އެވެ. އެކްސިޑެންޓް ހިނގީ ހުޅުލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ހުޅުލެއިން ހުޅުމާލެ ދިޔަ ކާރެއްގައި ޖެހިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިިކަލް ދުއްވަން އިން 26 އަހަރުގެ ފިރިހެނާއަށާއި ސައިކަލް ފަހަތުގައި އިން 20 އަހަރުގެ އަންހެން މީހާއަށެވެ.

އެ ދެ މީހުންނަށް މިހާރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ. ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ހައިވޭގައި މިރޭ އެކްސިޑެންޓެއް ހިނގާފައިމިވަނީ އެކްސިޑެންޓްތައް ގިނަވާތީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވަނިކޮށެވެ. އެގޮތުން ބްރިޖާއި ހައިވޭ ބޭނުން ކުރާއިރު ހެލްމެޓް އެޅުން މަޖުބޫރު ކުރަން މިިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މީގެކުރިން ވެސް ބްރިޖާއި ހައިވޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.