ހަބަރު

އެއްވެސް ކުއްޖަކު ބާކީ ނުކުރަން ވަކި ޑިވިޝަނެއް އުފައްދަނީ

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހާއްސަ ޑިވިޝަނެއް އުފައްދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ، ހުރިހާ ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، ކޮންމެ ކުއްޖަކަށް ބޭނުންވާ އަޅާލުންތެރިކަން ދީގެން ހުރިހާ ކުދިން ހިމެނޭގޮތަށް ދެވޭ ތައުލީމު ނުވަތަ އިންކްލޫސިވް އެޑިއުކޭޝަން ހިންގުމަށް އެ މިނިސްޓްރީގެ ދަށުން ހާއްސަ ޑިވިޝަނެއް އުފައްދައި މި ނިޒާމު އިތުރަށް ފުރިހަމަ ކުރާނެ ކަމަށެވެ.

"އަތެއްގެ ހުރިހާ އިނގިލިތައް އެއްވަރު ނުވާފަދައިން ހުރިހާ ދަރިވަރުންނަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ހަމަހަމަ ކުދިންނެއް ނޫން. ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، ކޮންމެ ކުއްޖަކަށް ބޭނުންވާ އަޅާލުންތެރިކަން ދީގެން، ހުރިހާ ކުދިން ހިމެނޭގޮތުން ދެވޭ ތަޢުލީމަށް މިހާރަކަށް އައިސް ކިޔަނީ އިންކްލޫސިވް އެޑިޔުކޭޝަން. މި ނިޒާމް މިހާރަށް ވުރެ ފުރިހަމަ ކުރުމަށްޓަކައި ވަކި ޑިވިޜަނެއް މި ވުޒާރާގައި އުފައްދައި ސަފުން އިތުރު ސަމާލުކަމެއް، މި ނިޒާމް ފުރިހަމަ ކުރުމަށް ދޭނެ ވާހަކަ ދަންނަވާލަން"

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ، ދިރާސީ އާ އަހަރާއެކު ފެންނާނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ތަޢުލީމީ ހިންގުން ލާމަރުކަޒީ ކުރެވޭނެ ކަމެވެ. އެގޮތުން، ކަންކަން ނިންމުމުގެ ބާރާއި ޒިންމާތައް އެ ތަނެއްގެ މަތީ ލެވެލްތަކުން ތިރީ ލެވެލްތަކަށް ބަދަލުކޮށް ފަތުރާލުމުން ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ، ސީދާ ކަމާ ގުޅޭ މީހުންނާ ހިސާބަށް ބާރުތައް ފޯރާނެކަމަށެވެ.

އަދި ހަމައެހެންމެ، ތަޢުލީމާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމުގެ ތެރޭގައި، ބޮޑެތި މީހުންގެ ނުރަސްމީ ތަޢުލީމު ކައުންސިލްތަކަށް ބަދަލުކުރުންވެސް ހިމެނޭނެ ކަމަށާއި މިކަމުގެ ސަބަބުން އެކަމަށް ދެވޭ ސަމާލުކަން އިތުރުވެ ރައްޔިތުން ބޭނުންވާ ހުނަރުތައް ގާތުން ފޯރުކޮށްދިނުމަށް މަގު ފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ދިން ހިތާބުގައި ނާސްތާ ޕްރޮގްރާމާ ބޭހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ދިމާވާ މައްސަލަތައް ދެނެގަނެ ތަޖުރިބާތަކެއް ކުރުމަށް ފުރަތަމަ ޓާމްގައި 25 ސްކޫލެއްގައި ނާސްތާ ޕްރޮގްރާމު ފެށިއަސް، ދެވަނަ ޓާމުން ފެށިގެން ހުރިހާ ސަރުކާރުގެ ސްކޫލެއްގައި އިރާދަކުރެއްވިއްޔާ ނާސްތާ ދެވޭނެ ކަމަށެވެ. އަދި މިއީ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގައި ކުރަމުންދާ ކަމަށެވެ.

ޢާއްމުންނަށް ތައުލީމު ދެމުން ގެންދާތާ މިހާރު 100 އަހަރަށް ވުރެ ގިނަ ދުވަސްވެ، ވޭތިވެދިޔަ ޤަރުނުގައި ތަޢުލީމު ދިޔައީ އެކި ގޮތްގޮތަށް ތަރައްގީވަމުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު މިއަދު ދިން ހިތާބުގައި ވިދާޅުވި އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ ރާއްޖޭގެ 213 ސްކޫލެއްގައި، 73035 ދަރިވަރުންނާއެކު އެވެ.