ހަބަރު

މަޖިލިސް މެންބަރުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވިޔަފާރިކުރުން ހުއްޓާލައި،ރައްޔިތުންގެ މަސައްކަތް ކޮށްދޭ ބަޔަކަށް މެންބަރުން ވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ލ. ގަމު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރާ މުހައްމަދު ވިސާމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުންގެ މަސައްކަތަށް ކުރަން ކަމަށާއި އެއީ އެ މެންބަރެއްގެ އަމިއްލަ މަސައްކަތްތައް ފަށައި ވިޔަފާރިތައް ފުޅާކުރަން ހަވާލުވާ ވަޒީފާއެއް ނޫން ކަމަށެވެ.

"މަޖިލިސް 19އަކީ ފައިސާގެ ބޭނުމަށް ވަންނަ ތަނަކަށް ވެގެން ނުވާނެ، މަޖިލީހަށް ވަންނަ ދުވަހު ނޫން އަނެއް ދުވަހު ރިސޯޓެއް ހަދަން އުޅެގެން ނުވާނެ، ގެސްޓް ހައުސްއެއް ވެސް ހަދަން ނޫޅުން، އަދި އެހެން ވެސް ވިޔަފާރިއެއް ކުރަން ނޫޅުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އެދެން މަޖިލިސް މެންބަރުން އެއްވެސް ވިޔަފާރިއެއް ނުކުރުމަށް، މަޖިލީހުގެ މުސާރަ ލިބޭނެ، އެއީ ވަރަށް ބޮޑު މުސާރައެއް، އެ މުސާރައިން ދިރިނޫޅެވޭ ކަމަށްވާނަމަ މަޖިލިސްގެ މަސައްކަތް ނޫން އެހެން މަސައްކަތެއްގަ އުޅުމުން މާ ބުއްދިވެރި،"

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް މެންބަރަކަށްވުމަކީ ދަރިން ކިޔެވުމަށް އިނގިރޭސިވިލާތަށް ފޮނުވަން ޖެހޭ ކަމެއް ނޫން ކަމަށެވެ. މެންބަރަކަށްވުމުގެ ކުރިން އޭނާ ދިރިއުޅުނު އާދައިގެ ދިރިއުޅުމުގެ މަތީގައި ދެމިހުންނަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުންގެ މަސައްކަތް އެމީހާ ކުރުމަށް، އަމިއްލަ މަސައްކަތް އެމީހާ ކުރުމަކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިިއިރު މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ މަޝްހޫރު ވިޔަފާރިވެރިންތަކެއް އެބަ ތިއްބެވެ. އަދި މެންބަރުންނަށްވީ ފަހުން ގިނަ މެންބަރުންތަކެއް ވަނީ ވިޔަފާރިތައް ފަށާފަ އެވެ. މެންބަރުން ވިޔަފާރިކުރުމަކީ ގާނޫނުން މަނާ ކުރާ ކަމެއް ނޫނެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް ވެގެންދާން ޖެހޭނީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގާނޫނީ ބޭރުދޭނެ މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން މި މަޖިލިސް ތަފާތުވާނެކަން، އަޅުގަނޑަށް ޔަގީން އެހެން މަޖިލިސްތަކާ މި މަޖިލިސް ކިތަންމެ ތަނަކުން ތަފާތުވާނެކަން، އަމާޒަކީ މަޖިލިސް 19 އަކީ ގަދަރުވެރި އިއްޒަތްތެރި އިތުބާރު ހިފޭ މެންބަރުންތަކެއް ހިމެނޭ މަޖިލީހަކަށްވުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މަޖިލީހުގައި އެމަނިކުފާނު އިންނަވާނެ އެވެ. މެންބަރުން ވައްކަން ކުރައްޏާވެސް ވޯޓު ވިއްކަންޏާ ވެސް އެމަނިކުފާނަށް އެނގޭނެ ކަމަށާއި އެކަންކަން ހުއްޓުވަން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.