މިއުޒިކް

ކައިވެނި ރޭގައި ޖަހަން ޒަކިއްޓެގެ އާ ލަވަ!

ކޮންމެ މީހަކަށް ވެސް ކައިވެނި ކުރާ ދުވަހާއި ކައިވެނީގެ ހަފުލާއަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ދުވަހެކެވެ. ކައިވެނީގެ ރޭ މާހައުލު ފަޅު ފިލުވައިލަން އަދި އެ ރޭގެ އުފަލުގައި ޖަހައި އުޅޭ މާނަ ފުން ލަވަތަކަކީ މިއުޒިކީ ފަންނާނަކަށް އެ ހަފްލާގައި އެންމެ މުހިއްމު ވާނެ އެއް ކަމެވެ. އެރޭ ޖެހުމަށް އަމިއްލަ އަށް ލަވައެއް އުފައްދައިފިއްޔާ އަދި މާ ސަޅި އެވެ.

"މި ރޭގެ އުފަލުގައި" ލަވައަކުން ގެނެސްދެނީ މޯލްޑިވިއަން އައިޑަލް ދެވަނަ ސީސަން އިން މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) އެވެ. މި ލަވައިގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، ލަވަ އެއްކޮށް ނިމުމުން އަންނަ ފެބްރުއަރީ ތިނެއްގައި ރިލީޒް ކުރާނެ އެވެ. ޒަކިއްޓެ ބުނި ގޮތުގައި މިއީ ރައްޓެއްސެއްގެ އެދުމުގެ މަތިން އުފެއްދި ލަވައެކެވެ.

"އަސްލު މިލަވަ މިހަދަނީ، ރައްޓެއްސެއްގެ ލަވައަކަށް އިސްޕަޔާވެގެން. ކޮންމެ މީހަކަށްވެސް އޮންނާނެދޯ ވެޑިންގް ސޯންގެއް. ލަވަ އެއްކޮށް ރިލީޒް ކުރާނީ ޒަކިއްޓެގެ އުފަންދުވަހު އެއީ، ފެބްރުއަރީ ތިނެެއްގައި އެކަމަކު އޭގެ ކުރިން ކުޑަ ޓީޒާއެއް ސައުންޑް ކްލައުޑްއަށް އަޕްލޯޑު ކުރާނަން،"

މި ލަވައިގެ އިތުރުން އެހެން ލަވައެއްވެސް މި މަހު 24 ގައި ރިލީޒް ކުރާނެ ކަމަށް އޭނާގެ ޓްވިޓާ ގައި ވަނީ ބުނެފަ އެވެ. "ހީލާށޭ" ލަވައިގެ ޓީޒާއެއް މިހާރު ރިލީޒް ކުރިޔަސް މިމަހު ފަހުކޮޅު އެލަވައިގެ ވީޑިއޯއާއެކު ބެލުންތެރިންނަށް ފެންނާނެ އެވެ.

ޒަކިއްޓޭ ނެރޭ ދެ ލަވައަކީވެސް އޭނާގެ ފުރަތަމަ އަމިއްލަ އުފެއްދުމެވެ. މޯލްޑިވިއަން އައިޑަލްއަށްފަހު އޭނާ މި ދާއިރާއިން ނުގެއްލި މިއަހަރު ނެރޭ ފިލްމު "ގޮށްރާޅު" ގެ ވަރުގަދަ ރޯލަކުން ވެސް ފެންނާނެ އެވެ.