ހަބަރު

އެމްޑީޕީ ޕްރައިމަރީ: 86،000 މީހުންނަށް ވޯޓު ލެވޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެގުމަށް އެމްޑީޕީއިން ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ 86،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ޕްރައިމަރީގައި 280 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 86 ދާއިރާއަކުންނެވެ.

އެމްޑީޕީއިން މިއަދު "އަވަސް"އަށް މައުލޫމާތު ދިން ގޮތުގައި އެކި ދާއިރާތަކުން ޕްރައިމަރީގައި ޖުމްލަ 86،091 މީހަކަށް ވޯޓު ލެވޭނެ އެވެ. ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް އަލަށް ގިނަ މެންބަރުންތަކެއް ގުޅިފައިވެ އެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި 30،000 މީހުން އެމްޑީޕީއާ އަލަށް ވަނީ ގުޅިފަ އެވެ.

ޕްރައިމަރީއަށް ދެ ދުވަހަށްވެފައިވާއިރު އެ ޕާޓީއިން ވަނީ ވޯޓާސް ލިސްޓް ވެސް މިހާރު އާންމުކޮށްފަ އެވެ. ދާއިރާތައް ވަކިވަކިން ވޯޓު ލެވޭ އެންމެންގެ މައުލޫމާތު އެ ލިސްޓްގައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ވަރަށް ބޮޑަށް ވަނީ ގަދަވެފަ އެވެ. ބައެއް ދާއިރާތަކުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރާއިރު، ފޯރިގަދަ ކެމްޕެއިންތައް ކޮންމެ ކެންޑިޑޭޓަކު ވެސް ދަނީ ކުރަމުންނެވެ. ގިނަ ކެމްޕެއިން ހަރަކާތްތަކުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމަނިކުފާނު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަ އެވެ. މައްޗަންގޮޅި މެދު ދާއިރާއަށް ރައީސް ނަޝީދު ވާދަ ކުރައްވާއިރު އެހެން ކެންޑިޑޭޓަކު އެމަނިކުފާނާ ވާދަ ކުރެ އެވެ.

އެއްވެސް ކެނޑިޑޭޓަކު ކުރިމަތިނުލަނީ ނިލަންދޫ ދާއިރާއަށެވެ. އަދި ނުވަ ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އެ ދާއިރާތަކުގައި ޕްރައިމަރީ ބާއްވަން ނުޖެހެ އެވެ. އެ ނުވަ ދާއިރާއަކީ ހޯދަފުށި ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށި ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލައް އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ.