ހަބަރު

ދެމަފިރިންގެ ހަށިގަނޑު ގެންދިޔުމުގެ ހަރަދު ފިލިޕީންސް ސަރުކާރުން ކުރަނީ

ރާއްޖޭގައި މަރުވި ފިލިޕީންސްގެ ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ގެންދިޔުމުގެ ހުރިހާ ހަރަދެއް އެ ގައުމުގެ ސަރުކާރުން ކުރުމަށް ނިންމައިފި އެވެ.

ކ. ދިއްފުށީގައި ހަނީމޫން ހޭދަކުރުމަށް އައިސް އުޅެނިކޮށް މަރުވެފައިވަނީ ލިއޮމާ އަދި އެރިކާ އެވެ. މަރުވީ ކ. ދިއްފުއްޓާއި މީރު ފެންފުންޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށެވެ.

އެ ދެމީހުންގެ ހަށިގަނޑު ގައުމަށް ގެންދިޔުމަށް އާއިލާއިން ބޭނުންވާއިރު އާއިލާއިން ގެންދިޔައީ އެކަމަށް ފަންޑު ހޯދަމުންނެވެ. އެކަމަށް ސޯޝަލް މީޑިއާގައި ވެސް އެ ދެމީހުންގެ އާއިލާއިން ކެމްޕެއިނެއް ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް ފިލިޕީންސްގެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ސެކްރެޓްރީ އެލްމާ ކާޓޯ ވަނީ ލިއޮމާ އަދި އެރިކާގެ ހަޑިގަނޑު އެ ގައުމަށް ގެންދިޔުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ނޫސްވެރިންނަށް ކުރި މެސެޖަކުން ދީފަ އެވެ.

ފޮރިން މިނިސްޓްރީން ވަނީ އެމީހުންގެ އާއިލާއާ ވެސް ބައްދަލުކޮށްފަ އެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ފައިސާ އެ އާއިލާއަށް ހެޔޮ އެދޭ މީހުންގެ ފަރާތުން ވަނީ ލިބިފަ އެވެ.

ލިއޮމާގެ ކޮއްކޮ ފިލިޕީންސްގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އެ ދެމީހުންގެ ހުވަފެނީ މަންޒިލެވެ. އަބަދުވެސް ރާއްޖެ އައުމަކީ އެމީހުން ދެކެމުންދިޔަ ހުވަފެނެކެވެ. އުފަލުން ތިބެ އެމީހުން ރާއްޖެ ދިޔައީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ދެ މީހުންނަކީ ވެސް ނަރުހުންނެވެ. އެކަމަކު، ދެ މީހުން މަސައްކަތް ކުރަނީ ދެ ގައުމެއްގަ އެވެ. ލިއޮމާާ ސިންގަޕޫރްގައި ވަޒީފާ އަދާކުރާއިރު، އެރިކާ ވަޒީފާ އަދާކުރަނީ ސައުދި އަރަބިއްޔާގަ އެވެ. އެހެންވެ އެ ދެ މީހުން ބައްދަލުވަނީ މަދު ފަހަރެއްގަ އެވެ.

ކޮއްކޮ ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މަރުގެ ތަފްސީލެއް އަދިވެސް އެ އާއިލާއަށް ނުލިބެ އެވެ. ނަމަވެސް މަރުވީ ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ގެނބިގެން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން އާއިލާއަށް މިހާރު ވަނީ އަންގައިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ފުރަތަމަ ގެނބުނީ ލިއޮމާ އެވެ. އެރިކާ ގެނބުނީ އޭނާގެ ފިރިމީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގަ އެވެ. އެ މަންޒަރު ފެނިގެން މީހަކު ޑިންގީއެއްގައި އެހީވުމަށް ދިޔައިރު ދެ މީހުންގެ ވެސް ހަރަކާތް ނެތި، އޮތީ ފެންމަތީގަ އެވެ.