ވިޔަފާރި

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށައިފި

ތ. ތިމަރަފުށިން: މުހައްމަދު އަފްރާހު
Jan 15, 2019
1

ތިމަރަފުށީގައި ތަރައްގީކޮށްފައިވާ ރީޖަނަލް އެއާޕޯޓަށް ގައުމީ އެއާލައިން އިން ރޭގަނޑު ދަތުރުތައް ފަށައިފި އެވެ.

އާބާދީގައި 3،000 މީހުން ދިރިއުޅޭ ތ. ތިމަރަފުށީގައި ހަދާފައިވާ މި އެއާޕޯޓަށް ދަތުރުތައް ފެށީ މިރޭ މިރަށުގައި އޮތް ރަސްމިއްޔާތެއްގައި އެވެ. ދަތުރުތައް ފެށުމުގެ ގޮތުން ގައުމީ އެއާލައިންގެ ބޯޓު ވަނީ ދިއްލާފައިވާ މި އެއާޕޯޓްގެ ރަންވޭގައި ޖައްސައިފަ އެވެ. މި ފްލައިޓްގައި ކިނބިދޫ ދާއިރާގެ މެންބަރު އަދި އަންނަ އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ވާއްދަކުރައްވާ، އަބްދުﷲ ރިޔާޒު އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަޑައިގެންނެވި އެވެ.

ގައުމީ އެއާލައިންގެ ދަތުރުތައް ފެށިއިރު، މިހާރު މި އެއާޕޯޓަށް އުދުހެނީ ހަފުތާއަކު ހަތަރު ފްލައިޓެވެ.

ތިމަރަފުށީގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އަދި މި އެއާޕޯޓް ހުޅުއްވައި ދެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 32 މިލިއަން ރުފިޔާއަށް ހެދި މި އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.