ހަބަރު

ޖޭޕީ ޓިކެޓް ލިބިއްޖެނަމަ، ނަވާޒު ގަލޮޅު ދެކުނަށް ވާދަކުރަނީ

ޖުމްހޫރީ ޕާޓީގެ ޓިކެޓް ލިބިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނަވާޒު ރޭ ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ. ރޭ އޭނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ޝައުގުވެރިކަން ހުންނެވި ފަދަ މޭރަމަކުން ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މަޖިލީހަށް ވާދަ ކުރައްވާ ކަމަކަށް ރޭ ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅިގެން މިއަދު "އަވަސް"އިން ނަވާޒާ ސުވާލުކުރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓް ލިބިއްޖެނަމަ، ގަލޮޅު ދެކުނު ދާއިރާއަށް ނުކުންނަވާނެ ކަމަަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ އެ ދާއިރާ އިހްތިޔާރު ކުރީ އެއީ އުފަންވެ އުޅެ ބޮޑުވި ދާއިރާއަށް ވެފައި، އެ ދާއިރާއަށް ހިދުމަތް ކުރައްވަން ބޭނުންވާތީ ކަމަށެވެ. އޭނާ ހުންނެވީ އެ ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މައިދާނަށް ނުކުތުމަށް ޖުމްހޫރީ ޕާޓީ އިހްތިޔާރު ކުރެއްވި ސަބަބު ވެސް ނަވާޒު ވިދާޅުވެ ދެއްވި އެވެ. ނަވާޒު ވިދާޅުވީ ކުރިއަށްދާ ބެލިބެލުމުން އެންމެ ހިތްހަމަޖެހޭ ޕާޓީއެއްގެ ގޮތުގައި ފެނުނީ އެ ޕާޓީ ކަމަށެވެ. ސިޔާސީ މައިދާނުގައި ފުރުސަތުތައް ބޭނުންވާ ކޮންމެ މީހަކަށް ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ފުރުސަތުތައް ފަހިކޮށް ދެއްވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

"ސިޔާސީ މައިދާނަށް ނުކުންނައިރު ވިސްނާނެ ކަންތައްތަކެއް ހުންނާނެ، ތިމަންނަ ކުރިއަށް ދާނީ ކިހިނެއްކަމާމެދު ވިސްނާނެ، އަޅުގަނޑަށް އެކަމުގައި ހިތްހަމަޖެހުމެއް ލިބުނީ ޖުމްހޫރީ ޕާޓީއިން،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުންނަކީ ވަކި މީހަކަށްވީމަ އެއީ ކުފޫ ހަމަނުވާ މީހަކަށް ހަދާ ބައެއް ކަމަށާއި ވަކި މީހަކަށްވާތީ ގޯސްވާ މީހުން ވެސް އެބަ ތިބި ކަމަށެވެ. ނަމަވެސް ގާސިމް އިބްރާހިމަކީ އެއާ މުޅިން ހިލާފު ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބޮަޑަށް މަސައްކަތް ކުރާނީ ގުޅިގެން ކުރިއަށް ދިޔުމަށް، އެއްވެސް ބަޔަކާ ދިމާކޮށްނުކޮށް ދެކޮޅު ނުވެ އެއް މާހައުލެއްގައި ކުރިއަށް ދިޔުމަށް، އެކުވެރި މާހައުލެއް ގާއިމް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒަކީ ފުލުހުންގެ އިސް މަގާމްތައް އަދާ ކުރައްވި ބޭފުޅެކެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ވެސް އޭނާއާ އަދާ ކުރެއްވި އެވެ. ނަމަވެސް ފަހުން އެ މަގާމުން ވަކި ކުރައްވާ އެންވާރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަކަށް ނަވާޒު ބަދަލުކުރި އެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ނެރުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ދެމެހެއްޓުމަށާއި އަމުރާ ދެކޮޅަށް ފުލުހުންގެ ފަރާތުން އިސްކޮށް ވާހަކަދައްކާފައިވަނީ ނަވާޒެވެ. އޭގެ ފަހުން އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.