މޯލްޑިވްސް ޕޮލިސް ސާވިސް

ލަނޑާ ނަގަން ފޭބިފަހުން ގެއްލުނު މީހާ ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ

ހުއިފިލަނޑާ ނަގަންވެގެން މޫދަށް ފޭބިފަހުން ހަބަރެއް ނުވެ، ގެއްލިގެން ހޯދަމުންދިޔަ މީހާ ފަޅުރަށެއްގައި ހުއްޓާ ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ހޯދަމުންދިޔަ އަބްދުﷲ އާދަމް ފެނިފައިވަނީ ރ. އަތޮޅު ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫގައި ހުއްޓާ މިއަދު މެންދުރު 12:06 އެހާ އިރު ކަމަށެވެ. އަދި މިހާރު އޭނާ ދުވާފަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުންވަނީ ބުނެފަ އެވެ. އަދި އޭނާ ފެނުނު އިރު އެއްވެސް އަނިޔާއެއް ވެފައި ނެތް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ގެއްލިގެން މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ގެއްލުނުތާ ދެ ގަނޑިއިރުފަހުން 10:25 ހާއިރު ދުވާފަރު ޕޮލިސް ސްޓޭޝަނަށެވެ. އެއަށްފަހު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުލުހުންދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.