ހަބަރު

ކޮރަޕްޝަންގެ ދެ މައްސަލައެއް ޑީޖޭއޭއިން އޭސީސީއަށް ފޮނުވައިފި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ އޮޑިޓަކުން ފާހަގަވި ދެ މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ފޮނުވައިފި އެވެ.

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެ ދެ މައްސަލަ ތަހުގީގުކުރުމަށް ޑީޖޭއޭއިން އޭސީސީގައި އެދިފައިވާއިރު އެއީ 2016 ވަނަ އަހަރުގެ އޮޑިޓުން ފެންމަތިވެފައިވާ ދެ މައްސަލަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މައްސަލަ ޑީޖޭއޭއިން ފޮނުވީ ވަކި ބަޔަކަށް ތުހުމަތުކޮށްފައެއް ނޫނެވެ.

ތަހުގީގުކޮށް ދިނުމަށް ޑީޖޭއޭއިން އެދިފައިވާ ފުރަތަމަ މައްސަލައަކީ ސިވިލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ހިންގުމަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ މައްސަލައަކެކެވެ. އެ ޑިވިޝަން ހެދުމަށް އަމިއްލަ ކުންފުންޏަކަށް ޑީޖޭއޭއިން ދީފައިވަނީ ފިނޭންސް މިނިސްޓްރީން އެކަމުގެ ހުއްދަ ދިނުމުގެ ކުރިންކަން އޮޑިޓުން ފާހަގަވެފައިވެ އެވެ.

އޭގެއިތުރުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

އޭރު ޑީޖޭއޭގެ އިސް ބޭފުޅެއްގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުގައި ހުންނެވީ ހަސަން ސައީދެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ސައީދެވެ. އެ ދެ ބޭފުޅުން ވެސް މިފަހުން ޖަލުގައި ތިއްބެވުމަށްފަހު މިހާރު ތިއްބެވީ ގެއަށް ބަދަލުކޮށްފަ އެވެ.

ހައިކޯޓަށް ކަމަށް ބުނެ ޑީޖޭއޭއިން ގަނެފައިވާ ޓްރެޑްމިލެއްގެ މައްސަލަ ވެސް އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ. އެ ޓްރެޑްމިލް ހޯދަނީ ހައިކޯޓަށް ކަމަށް ޑީޖޭއޭއިން ބުނެފައިވީ ނަމަވެސް އެކަމަށް ހައިކޯޓުން އެދިފައިނުވާ ކަމާއި އެ ޓްރެޑްމިލް ހައިކޯޓަށް ލިބިފައިނުވާކަން އޮޑިޓުން ވަނީ ފާހަގަވެފަ އެވެ. އެ ޓްރެޑްމިލް ފެނިފައިވަނީ ސުޕްރީމް ކޯޓުން ކަމަށް ވެސްވެ އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާާ ހަވާލުވެ އޮންނަ ޑީޖޭއޭ ހިންގަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.