ހަބަރު

ސައިކަލްގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލައިފި

ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލާފައިވާ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޕާކް ކުރުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ޕާކް ކުރާނެ ތަން ނެތުމުގެ ޝަކުވާ ބޮޑެވެ. އެ ޝަކުވާއާއެކު، ބޮޑެތި އަދަދުން ޖޫރިމަނާކޮށް ފުލުހުން ސްޓިކާޖަހާ މައްސަލާގެ ކަންބޮޑުވުން ވެސް އޮވެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ސީޕީ ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އެެކަން ހުއްޓާލީ ސަރުކާރުން އަންގައިގެން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އޭރުގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކް ކުރާނެ ނުދައްކާ ޖޫރިމަނާ ކުރަން ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަމީދު ވިދާޅުވީ، އުޅަނދުތައް ޕާކް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި ޕާކް ކުރާނެ ތަންތަން ތަނަވަސްކޮށް ނުދީ ފުލުހުން ނުކުމެ، ސްޓިކާ ޖަހައި ޖޫރިމަނާ ކުރުމަކީ ގަބޫލު ކުރެވޭ އުސޫލެއް ނޫން ކަމަށެވެ.

ސްޓިކާ ޖެހުމަށް ފުލުހުން ގިނަ ވަގުތަކެއް މަގުމަތީގައި ހޭދަ ކުރާ ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތަށް ކުއްލިއަކަށް އަންނަ ބަދަލަކުން އެ ހުރިހާ ޖޫރިމަނާއެއް އެއް ފަހަރާ މާފުކޮށްދޭ ކަމަށެވެ. އެހެންކަމުން އެ ވަގުތައް ވަނީ ފުލުހުން ހޭދަ ކުރާ ބޭކާރު ވަގުތުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ފަހަރެއްގެ މަތިން ދެ އިންތިހާބެއް ކައިރިވެފައި ވަނިކޮށް ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދީފައިވެ އެވެ.