ހަބަރު

ވާދަވެރި ހަތަރު ކެންޑިޑޭޓުން ކެމްޕޭން ފެށީ އެއް ޖަލްސާއަކުން

އެމްޑީޕީ ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ހަތަރު ކެންޑިޑޭޓުން އެކުގައި ކެމްޕެއިން ޖަލްސާ ބާއްވައިފި އެވެ.

އެ ދާއިރާއަށް ވާދަ ކުރައްވާ ހަތަރު ކެންޑިޑޭޓުންނަކީ އާދަމް އަލީ އާއި ހަސަން އިއާދު ސަލީމާއި ހުސެއިން ޝަރީފް އަދި އަލީ ރިޒާ އެވެ. އެ ހަތަރު ކެންޑިޑޭޓުން ވެސް ވަނީ މިރޭ ބޭއްވި ޖަލްސާގައި އެ ކެންޑިޑޭޓަކަށް ވޯޓު ދޭންވީ ސަބަބުތައް ވިދާޅުވެފަ އެވެ.

ހަތަރު ކެންޑިޑޭޓުން އެކުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ހަތަރު ކެންޑިޑޭޓުން ދެއްކި ނަމޫނާއިން އެނގިގެން ދަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަކަން ނޫން ކަމަށާއި ހަރުދަނާ ވެއްޖެކަން ކަމަށެވެ.

ނަޝީދު ވިދާޅުވީ ދެން ހޮވޭ ރައްޔިތުންގެ މަޖިލިސް ވެގެން ދާނީ ތަފާތު މަޖިލީހަކަށް ކަމަށާއި އެ މަޖިލީހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވާނެ އަދި ރައްޔިތުން އުއްމީދު ކުރާ ފަދަ މަޖިލީހަކަށް ވާނެ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެކި ދާއިރާތަކުން ޕްރައިމަރީގައި ޖުމްލަ 86،091 މީހަކަށް ވޯޓް ލެވެ އެވެ. ޕްރައިމަރީގައި 86 ދާއިރާއެއް ހިމެނެ އެވެ. މުޅި ރާއްޖޭގައި 270 ވޯޓް ފޮށި ބަހައްޓާނެ އެވެ. މި އިންތިހާބުގައި 279 ކެނޑިޑޭޓުން ވާދަ ކުރައްވަ އެވެ.