ހަބަރު

"މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަށް ދިނުމަކީ ނުރައްކަލެއް"

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ސިފަ ކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންތަކަކާއެކު މިރޭ ކުނޫޒުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ، އެއް ޕާޓީއަކަށް ދީފިނަމަ ވެގެންދާނެ ގޮތް ރައްޔިތުން މާޒީއިން މިސާލު ނަގައި އެކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ.

އަދި ވިދާޅުވީ އެއް ޕާާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ގާނޫނު އަސާސީއާ ހިލާފަށް ވެސް ކަންތައްތައް ކުރާ ކަމަށާއި ބޭނުންވުމުން "އެއްވެސް ހުއްޓުވަންވީ މިވެސް ހުއްޓުވަންވީ" ކަމަށެވެ. އޭރަށް ބޭނުން ވަނީ ކޮންމެ ގޮތަކުން ވެސް ވެރިކަމުގައި ތިބެން ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމާއި ސަރުކާރުގެ ސިޔާސަތާއި ހައްގުތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ.

"ކޯޓުތަކުގެ ތިން މަރުހަލާ ނިމުނީމަ ވެސް ހަމަ ބާއްވަނީ، މިއީ ކޮން ކަމެއްތޯ؟ ބިރު ދައްކައިގެން ވަކި ގޮތަކަށް ކަންތައް ކުރުވަނީ،" ގާސިމް ވިދާޅުވި އެވެ.

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެ ސަރުކާރުން ވެސް އަމަލު ކުރީ އެހެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުން ވިސްނަންވީ އަންނަ މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަކަށް ދީފިނަމަ އޮތީ ނުރައްކާތޯ ނުވަތަ ރައްކާތެރިކަންތޯ، މިއީ އަޅުގަނޑުމެން ކަލްކިއުލޭޓްކޮށް ހިސާބު ޖަހަންވީ ކަމަކީ، މާޒީއިން ތަޖުރިބާ ހާސިލް ކުރަންވީ، ފެނިގެން ދިޔަ މަންޒަރުތަކުން މިކަން ކުރައްސަވާލައްވަންވީ،" ގާސިމް ވިދާޅުވި އެވެ.

އަންނަ މަޖިލީހަށް މެންބަރުން ހޮވާއިރު ރައްޔިތުން ވިސްނަންވީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު އެހެން ބައެއްގެ އަތް ދަށަށް ނުދާނެ ގޮތަކާމެދު ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހައްގާއި އަމާންކަން ގާއިމްވާނެ ގޮތަކަށް ކަމަށެވެ.

މެންބަރުން ވިކޭ ވާހަކައާއި ފަނޑިޔާރުން "އެހެންނޭ މިހެންނޭ" ބުނުމުގެ ހައްގު އެއްވެސް މީހަކަށް ނެތް ކަމަށް އިޝާާރާތް ކުރައްވާ ގާސިމް ވިދާޅުވީ އެހެން ވިދާޅުވާ ބޭފުޅުންގެ އަމަލުތައް ވެސް ހުރީ ވަކި ރަނގަޅަށް ނޫން ކަމަށެވެ.

މިރޭގެ ވާހަކަގައި ވެސް ގާސިމްގެ ބަހުގެ ހަމަލާތައް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވާފައިވާއިރު އެމަނިކުފާނު ގެންދަވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުން މުހިންމު ކަމަށް ވިދާޅުވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބިގެންކަން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން މަޖިލިސް މެންބަރުންގެ ޝަރުތުތަކާ ގުޅޭ ގޮތުން ވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެގޮތުން ވިޔަފާރިވެރިން މަޖިލީހަށް ވަދެގެން ނުވާނެ ކަމާއި، މަޖިލިސް މެންބަރުން ވިޔަފާރިތައް ހިންގުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލައްވާފައިވެ އެވެ.