ރާއްޖޭގައި މިހާރު އޮތް ޓެކްސް ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ ޓެކްސް ނިޒާމް އިސްލާހު ކުރަން އިކޮނޮމިކް މިނިސްޓަރު ހާއްސަ ކޮމިޓީއެއް މިއަދު އެކުލަވާލައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ ޓެކްސްގެ ނިޒާމު އިސްލާހު ކުރަން އުފެއްދި ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ ކަމާ ބެހޭ އޮފިޝަލުންނާއި އަމިއްލަ އޮޑިޓަރުން އަދި ގާނޫނީ ވަކީލުން ކަމަށެވެ. އެ ކޮމިޓީއިން ކުރާނެ މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ޓެކްސްގެ ގާނޫނުތައް ތަންފީޒުކުރަން ހުރި މައްސަލަތައް ދެނެގަތުމާއި ޓެކްސް ނިޒާމް އިސްލާހު ކުރަން ގެންނަން ޖެހޭ ބަދަލުތައް ދެނެ ގަނެ އެ ކަންކަމުގެ ލަފާ މިނިސްޓަރަށް އެރުވުމެވެ.
"އިންސާފުވެރި ވަރުގަދަ ޓެކްސް ނިޒާމެއް ރާއްޖޭގައި ބިނާކުރުމަށް މަސައްކަތް ކުރުމުގައި މި ސަރުކާރު ދެމި އޮންނާނެ. މިއީ އެ މަސައްކަތުގެ ފެށުމެއް،" މިފަހުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ރޭވެސް ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް އަމާޒުކުރައްވައި ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ، ޓެކްސްއަށް ރަޖިސްޓްރީ ކުރަން ނުޖެހޭ ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުވީ މީރާއިން ނުބައި ތަސައްވުރެއް އުފައްދައިގެން ކަމަށެވެ. އެހެން ކަމުން އެފަދަ ވިޔަފާރިތަކުން އަމިއްލައަށް ޓެކްސް ލިސްޓުން ނަން އުނިކުރަން އުޅެން ނުޖެހޭ ކަމަށާއި އެކަމަކީ މީރާއިން ޓެކްސް ރޫލިންއެއް ނެރެގެން ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހުން ބޭއްވި ބޯޓިން އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މީރާއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަކުލީފަކަށް ވެފައިވާ ކަމަށެވެ. އަދި މީރާއިން ގިނަ ކަންތައްތަކެއް އިސްލާހު ކުރަން ޖެހިފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި ވައުދުވެ ވަޑައިގެންފައި ވަނީ، މީރާ ކަންކަން ހަމަޔަކަށް އަޅުއްވައި އެ މުއައްސަސާ އިސްލާހު ކުރައްވައި ވިޔަފާރިވެރިންނާ ރައްޓެހިތަނަކަށް ހައްދަވާނެ ކަމަށެވެ. އަދި އިންކަމް ޓެކްސް ނަގައި ޓެކްސްގެ ނިޒާމު ފުރިހަމަ ކުރެއްވުމަށް ވެސް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައިވެ އެވެ.