ހަބަރު

މުވައްޒަފު ހިޔާނާތްވީ 4.9 މިލިއަނެއްހާ ރުފިޔާއަށް: ބީއެމްއެލް

Jan 17, 2019
4

ގައުމީ ބޭންކް، ބީއެމްއެލްގެ މުވައްޒަފަކު ހިޔާނާތްތެރިވެފައި ވަނީ، 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފި އެވެ.

ބީއެމްއެލްގެ މުވައްޒަފެއް އެ ބޭންކްގެ ފައިސާތަކަކަށް ހިޔާނާތްވި މައްސަލައިގައި އެ ބޭންކުން ހިންގާ ތަހުގީގާ ގުޅޭ ގޮތުން މީޑިއާތަކަށް ފުރަތަމަ ފަހަރަށް ތަފްސީލީ މައުލޫމާތު ހާމަކުރަމުން އާންމުކުރި ސްޓޭޓްމަންޓެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން ބޭންކްގެ އިންޓާނަލް އޮޑިޓުން މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފަކު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓާނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.

"މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިހާރުވަނީ ހުށަހެޅިފައެވެ،" ބޭންކްގެ ސްޓޭޓް މަންޓްގައިވެ އެވެ.

ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓަރނަލް ކޮންޓްރޯލްތައް ބޭންކް އޮފް މޯލްޑިވްސްގައި ގާއިމްކޮށްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. އެ ބޭންކުން އަދި ބުނީ، އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފުކަމެއްކޮށްފިނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފާއި ބޭންކްގެ އެހެން ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރަމުން އައި އޭނާގެ އަންހެނުން ވެސް ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.