ހަބަރު

ނާޒިމާ މަޖިލީހަށް ވާދަ ކުރަނީ

ނެޓްބޯޅަ އާއި ބާސެކްޓް ކުޅުއްވި ކުޅިވަރުގެ ސަހުސިއްޔަތެއް ކަމަށްވާ އައިޝަތު ނާޒިމާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ. ނާޒިމާ ވާދަ ކުރައްވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

ނާޒިމާއަކީ ހެންވޭރު ހުޅަނގަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ މިއަދު ވިދާޅުވި ގޮތުގައި އަމިއްލަ ދާއިރާ މަޖިލީހުގައި ތަމްސީލް ކުރައްވަން ބޭނުންވެ އެވެ. ދާއިރާގެ ހައްގުގައި ހީވާގިކަމާއެކު ސާބިތުވެ ބަސް ބުނަން ކެރޭ މީހަކަށް އޭނާ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކާމިޔާބު ކުޅިވަރު ހަޔާތެއް ނާޒިމާ ހޭދަކުރައްވާފައިވާއިރު އޭނާއަކީ މިހާރު ވެސް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އެވެ. އެއީ އެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އޭގެ އިތުރުން އޭނާއަކީ އޯޓިޒަމް އެސޯސިއޭޝަންގެ އެންބެސެޑާއެއްވެސްމެ އެވެ.

މި ހަފުތާގެ ތެރޭގައި ނާޒިމާ ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައި ސިޔާސީ މައިދާނަށް ނުކުންނަވާފަ އެވެ. ނާޒިމާ ކެމްޕެއިން ފެއްޓެވީ ވެސް ޖުމްހޫރީ ޕާޓީގެ ލޯގޯއާއެކު އެވެ. ނަމަވެސް މިހާތަނަށް އަދި ޖުމްހޫރީ ޕާޓީއިން މަޖިލިސް އިންތިހާބަށް ޓިކެޓް ހަވާލުކޮށްފައެއް ނުވެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާއަކީ މި އަހަރު އަލަށް އުފެއްދި ދާއިރާއެކެވެ. އެ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވާދަ ކުރައްވަ އެވެ.