ހަބަރު

އެމްޑީޕީ ލީޑަޝިޕްގެ ބޭފުޅުން ޓިކެޓް ކާމިޔާބު ކުރެއްވި

އެމްޑީޕީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންތަކެއް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައިފި އެވެ.

ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ މައްޗަންގޯޅި މެދު ދާއިރާގެ ޓިކެޓް ކާމިޔބު ކުރައްވާފަ އެވެ. އެއީ މުޅިން އަލަށް މަޖިލީހަށް އިތުރު ކުރާ ދާއިރާއެކެވެ.

ދެން އެންމެ އިސް މަގާމުގައި ހުންނެވި، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ޓިކެޓް ކާމިޔާބު ކުރައްވާފަ އެވެ. އޭނާ ވާދަ ކުރައްވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި އަލީ ނިޔާޒު ވެސް ވަނީ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ. އޭނާ ވާދަ ކުރައްވަނީ ހުޅުމާލެ ދާއިރާއަށެވެ. އަލީ ނިޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެވެ.

މީގެއިތުރުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހިސާން ހުސެއިން ވެސް އެމްޑީޕީގެ މަޖިލިސް ޓިކެޓް ކާމިޔާބު ކުރައްވާފަ އެވެ. ހިސާން ވާދަ ކުރައްވަނީ ތުޅާދޫ ދާއިރާއަށެވެ.

ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން ނާކާމިޔާބުވީ އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރަށެވެ. މާފަންނު މެދު ދާއިރާއަށް އޭނާ ވާދަ ކުރެއްވިއިރު އެ ޓިކެޓް ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މުހައްމަދު ރަޝީދު، ބޮންޑާ އެވެ.