ހަބަރު

މާލޭގައި އެކްސިޑެންޓެއް، ދެ މީހަކު ސީރިއަސް

މާލޭގައި މިރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓް ހިނގާފައިވަނީ ރިންގްރޯޑް، ސެނެހިޔާ ކައިރީގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މިރޭ 11:15 ހާއިރު އެވެ. އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ހާލު ސީރިއަސްވި ދެ މީހުންގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓްވީ ރިންގްރޯޑުން ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އުތުރުން ދެކުނަށް ގޮސް ބުރުޒު މަގަށް އަޅަން އުޅުނު ސައިކަލެއްގައި ޖެހިގެންނެވެ.

މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު މިއަދު ހެނދުނު މާލޭ މަސްމާރުކޭޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް 17 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އަދި މިއަދު ހަވީރު ވެސް މާލޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އެ އެކްސިޑެންޓް ވެސް ހިނގީ ސެނެހިޔާއާ ދިމާލުން ރިންގްރޯޑްގަ އެވެ. އަނިޔާވި ދެ މީހުންނަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

މިދިޔަ ހަފުތާ ތެރޭގައި ވެސް ސެނެހިޔާ ކުރިމަތީގައި އެކްސިޑެންޓެއްވެ ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ. މާލެ ހުޅުލެ ގުޅުވައިދޭ ބްރިޖާއި ހައިވޭގައި ވެސް ދަނީ އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންނެވެ.