އެމްއެމްޕީއާރްސީ

ދުނިޔޭގެ އެންމެ ބޮޑު ފީނުމުގެ ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

އާ ސަރުކާރުން ރާއްޖެ އިޝްތިހާރު ކުރަން ފުރަތަމަ ބައިވެރިވެރިވީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޑައިވް ފެއާ ކަމަށްވާ ޖަރުމަނުގެ ޑުސިލްޑޯފް ބޫޓް ފެއާގަ އެވެ.

މާކެޓިން ބަޖެޓު ބޮޑުކޮށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބެލުމުގެ ދަށުން މި ފެއާގައި ރާއްޖޭގެ ފަސް ކުންފުންޏަކުން 10 ބައިވެރިން ބައިވެރިވި އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ފެއާގައި ވެސް 99 ޕަސެންޓު މޫދު އޮންނަ މި ރާއްޖޭގައި ހުރި ފީނުމާ ގުޅުންހުރި ކުޅިވަރުތަކުގެ މައުލޫމާތު ދެވިގެންދާނެ ކަމަށެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފީނުމުގެ ފެއާގެ ގޮތުގައި މަޝްހޫރު ވެފައިވާ ބޫޓް ފެއާމިއީ ބާއްވަމުން އަންނަތާ 50 ވަނަ އަހަރެވެ. ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މި ފެއާގައި 68 ގައުމަކުން 1900 މީހުން މި ފަހަރު ވެސް ބައިވެރިވެފައިވެ އެވެ.

"360 ޑިގްރގެ ވޯޓާ ސްޕޯޓްސް އެކްސްޕީރިއަންސް" އެއް ދިނުމުގެ ސްލޯގަންގައި ބާއްވާ މި ފެއާގައި ފީނުމުގެ ދާއިރާގައި މަސައްކަތް ކުރާ ދުނިޔޭގެ ގިނަ ބަޔަކު ބައިވެރިވެ އެވެ.

ބޫޓް ފެއާ އޮންނަ ޖަރުމަނު ވިލާތަކީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 106,660 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ 3.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

އާސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް އާ މަސައްކަތްތަކެއް ކުރަން ރާވާފަ އެވެ. ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން އަށް ގިނަ ހަރަކާތް ތަކެއް ފަށަން ތައްޔާރުވާއިރު، ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ބަޖެޓު ތިން ގުނަ މަތިކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 104.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.އަދި މި އަހަރު 19 ޓޫރިޒަމް ފެއާއެއްގައި ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.