ހަބަރު

އައްޑޫ އައިއެމްޑީސީގައި ނަވަލޯކާގެ ޑޮކްޓަރުން ފަރުވާދޭން ފަށަނީ

ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުން އައްޑޫ އައިއެމްޑީސީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާ ގޮތަށް އެ ހޮސްޕިޓަލުން ހަމަޖައްސައި ދެ ހޮސްޕިޓަލުން އެކަމަށް އެއްބަސްވެއްޖެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިމްޑީއިން ހިންގާ އައިއެމްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެވެ.

ކުރިން ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވެވި ޝަކީލާ ވިދާޅުވީ ނަވަލޯކާ ހޮސްޕިޓަލަކީ ދިވެހިން ވަރަށް ގިނައިން ބޭސް ފަރުވާއަށްދާ ހޮސްޕިޓަލެއް ކަމަށާއި އައްޑޫ އައިއެމްޑިސީގައި ނަވަލޯކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ފަރުވާދޭން ފެށުމުން ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"ނަވަލޯކާ ހޮސްޕިޓަލާއި އައިއެމްޑިސީ އާއެކު މިކުރެވުނު އެގްރީމެންޓުގެ ދަށުން އެބޭފުޅުންގެ ސްޕެޝަލިސްޓުން ކަނޑައެޅޭ ދުވަސްތަކެއްގައި އައިއެމްޑީސީގައި ފަރުވާދީ، އަދި ކޮންސަލްޓަންޓުންނަށް ހަައްލު ނުކުރެވޭ ކަހަލަ ބައްޔެއް ހުރި ނަމަ އެކަން ހައްލު ކުރުމަށްޓަކައި ނަވަލޯކާ ހޮސްޕިޓަލަށް ފޮނުވާނެ. އަދި މިހާރު އައްޑޫން ހިދުމަތް ދެވެން ނެތް ދާއިރާ ތަކަށް އަހަންމިއްޔަތުކަން ދެވޭނެ،" ޝަކީލާ ވިދާޅުވި އެވެ.

ޝަކީލާ ވިދާޅުވީ އައްޑޫއަށް ގެންދާ ޑޮކްޓަރުންނަކީ ސުޕަސްޕެޝަލިސްޓުން ކަމަށާއި ނަވަލޯކާ ހޮސްޕިޓަލަށް ބަލި މީހަކު ގެންދަން ޖެހިއްޖެ ނަމަ އާސަންދަ އާ ގުޅިގެން ފަރުވާ ހޯދައި ދެވޭތޯ ވެސް ބައްލަވާނެ ކަމަށެވެ. އަދި ވިދާޅުވީ މި އެއްބަސްވުމަކީ އެއް އަހަރަށްވި އެއްބަސް ވުމެއް ނަމަވެސް އެގްރީމެންޓްގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އައްޑޫ އައިއެމްޑީސީ އާއި ނަވަލޯކާ ހޮސްޕިޓަލާއެކުވި އެއްބަސްވުމާ ގުޅިގެން އައިއެމްޑީސީގައި ސުޕަ ސްޕެޝަލިސްޓުންނާއި ނިއުރޯސާޖަނުން ކާޑިއޮލޮޖިސްޓުން އަދި އީއެންޓީ ޑޮކްޓަރުން ފަރުވާ ދޭނެ އެވެ.