ހަބަރު

ކޮންގްރެސް ޕާޓީއަށް ހުއްދަ ދިނުން ލަހެއް ނުކުރަން: އީސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ހުއްދަ ދިނުމުގައި ހުރަސް އަޅާ ކަމަށް ބުނެ އެ ޕާޓީ އުފައްދަން އުޅޭ ބޭފުޅުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ، ޕީއެންސީއަށް ހުއްދަ ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި ގަސްދުގައި ޖެއްސުން ކުރަމުންދާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައި ވަނިކޮށެވެ.

އޭނާ މިއަދު އަވަސްއަށް ވިދާޅުވީ ޕީއެންސީއަށް ވަރަށް ބޮޑަށް ތަފާތު ކުރަމުން އަންނަ ކަމަށާއި އެގޮތުން ޕާޓީގެ ފޯމްތައް ހަމައެއް ލަމައެއް ނެތި ބާތިލު ކުރަމުން ދަނީ އެއްވެސް އުސޫލަކުން ނޫން ކަމަށެވެ. އެއި މިނިވަން މުއައްސަސާއެއްގައި ހުންނަން ޖެހޭ ސިފައެއް ނޫން ކަމަށާއި އެކަން ބަދަލު ކުރަންޖެހޭ ކަމަށެވެ. އެހެންވެ އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވެސް ވަނީ ނިންމާފަ އެވެ.

އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު އަވަސްއަށް ވިދާޅުވީ، އިލެކްޝަން ކޮމިޝަނަކީ އެއްވެސް ބައެއްގެ ހައްގުތަކަށް އަރައިގަންނާނެ ކޮމިޝަނެއް ނޫން ކަމަށާއި އެ ކޮމިޝަނަކީ ހައްގުތައް ކަށަވަރުކޮށްދޭ ކޮމިޝަނެއް ކަމަށެވެ.

"އެއްވެސް ބަޔަކަށް އެއްވެސް ހުރަހެއް މި ކޮމިޝަނަކުން ނާޅާނެ، ލަސް ކުރާކަށް ވެސް ކަމެއް ނުކުރާނެ، ޖަރީމާ ހިންގަން ކުރާނެ ކަމެއް މި ކޮމިޝަންގައި ނެތް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ޕީއެންސީއިން ފުރަތަމަ ހުށަހެޅި ފޯމްތަކާ ގުޅިގެން ވަރަށް ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި އެ ޝަކުވާތައް ވެރިފައި ކުރުމަށްފަހު މައްސަލަ ހުރި ފޯމްތައް ރަނގަޅުކުރުމަށް އެންގި ކަމަށެވެ. ޕީއެންސީއަށް ހުއްދަ ހޯދުމަށް 4،000 ފޯމް ހުށަހެޅިއިރު ސައްހަވީ ދެހާހަކަށް ފޯމެވެ. އެހެންވެ އެ ޕާޓީއިން އާ ފޯމްތަކެއް މިހާރު ވަނީ ހުށަހަޅާފަ އެވެ.

"އަލަށް ހުށަހެޅި ފޯމްތައް ވެސް ސައްހަތޯ ބެލުމުގެ މަސައްކަތް ވަރަށް އަވަސްކަމާއެކު ކުރިއަށް ދަނީ، ޕީއެންސީއަށް ވަކި ގޮތެއް ނަހަދަން،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ޕީއެންސީ އުފެއްދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އެ ކޮމިޝަނުން ދަނީ ދެމުންނެވެ. އެކަން އެ ފަރާތްތަކަށް ވެސް ރަނގަޅަށް އެނގޭނެ ކަމަށެވެ. ޕީއެންސީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވެސް މީގެކުރިން ވަނީ އެ ޕާޓީއަށް ހުއްދަ ދިނުމުގައި ޒާތީވެ، ތަފާތުކޮށް އަމަލު ކުރާނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް އަމާޒުކޮށް ދައްކާ ނުރަނގަޅު ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކާމެދު އެ ކޮމިޝަނުން ނުވިސްނާނެ ކަމަށެވެ. އަދި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ވެސް އެފަދަ ވާހަކަތަކާ ގުޅިގެން ހުއްޓާނުލާނެ ކަމަށެވެ.