ހަބަރު

ކުޅުދުއްފުށީ ކުޅީގެ ބާކީ ބައި ހިމާޔަތްކޮށް، މަންފާ ލިބޭ ގޮތް ހަދަނީ

ހދ. ކުޅުދުއްފުށީ ކުޅީގެ ނުހިއްކާ ބާކީ އޮތް ބައި ހިމާޔަތްކޮށް، ތަރައްގީ ކުރުމާ ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާކޮށްފައިމިވަނީ ކުޅުދުއްފުށީގެ ބައެއް ޒުވާނުންނާއި ޖަމިއްޔާތަކުން ކުޅީގެ ބާކީ ބައި ހިމާޔަތްކުރުމަށް އެދި ކައުންސިލަށް ސިޓީއަކުން ވެސް އެދިފައިވަނިކޮށެވެ. އަދި ސޯޝަލް މީޑިއާގައި ތިމާވެށީގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ވެސް އެކަމަށް ގޮވާލަމުން ދަނިކޮށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ކުޅީގެ ބޮޑު ބައެއް ވަނީ ހިއްކާފަ އެވެ. އެކަމަކު، އަދިވެސް އެ ކުޅީގެ ހިތްގައިމު ސަރަހައްދެއް ސަލާމަތުން އެބަ އޮތެވެ. ރަށު ތެރެއަށްވާ ގޮތަށް އޮތް ބަޔާއި ކުޅީގެ އެންމެ ބޭރަށް އޮތް ސަރަހައްދު އޮތީ ނުހިއްކަ އެވެ. އޭގެ ތެރޭގައި އެ ކުޅިއަށް ހާއްސަ މަށި ލިބޭ ސަރަހައްދު ވެސް ހިމެނެ އެވެ.

އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ކުޅީގެ ބާކީ އޮތް ބަޔަށް މާބޮޑު އަޅާލުމެއް ނުދެ އެވެ. އެކަމުގެ ސަބަބުން ކުނިބުނި ގިނަވެ އެ ސަރަހައްދު ދަނީ ނެތެމުންނެވެ.

ކުޅުދުއްފުށީގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓްރީތަކާ ބައްދަލުކުރުމަށް ރަށު ކައުންސިލް މެންބަރުން މިހާރު ތިއްބެވީ މާލެ ވަޑައިގެންނެވެ. އެގޮތުން އެންވާރަމެންޓް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ އަބުދުލް ލަތީފް ހަސަން ކުޅުދުއްފުށީގައި ހުރި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބަޔާއި ކުޅުދުއްފުށީ ދެކުނުގައި އޮތް ފެންގަނޑާއި ފުއްޓަރު ހިމެނެ އެވެ.

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ކައުންސިލުން އެދިފައިވާނީ ކުޅީގެ ބާކީ ބައި ހިމާޔަތް ކުރާއިރު ވެސް އެތަނަކީ ރައްޔިތުންނަށް ބޭނުން ހިފޭ އަދި މަންފާތަކެއް ލިބޭ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.

"ހަމައެކަނި ހިމާޔަތްކޮށްފަ ބޭއްވުމުގެ ބަދަލުގައި އެ ތަންތަނަކީ ރައްޔިތުންނަށް ބޭނުން ހިފޭނެ ތަންތަނަށް ހެދުން ކައުންސިލްގެ ވިސްނުމަކީ، އިގްތިސޯދީ ގޮތުން ވެސް އެ ތަންތަނުން ބޭނުމެއް ހިފޭނެ ގޮތްވުން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ރަށަށް އިތުރު ވަޒީފާތައް ގެނައުމަކީ ވެސް އެ ކައުންސިލުން އެދޭ ގޮތެވެ. އެންމެ ގުދުރަތީ ތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ އެ ކަންކަމަށް ވެސް ސަމާލުކަން ދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، ބައްދަލުވުމުގައި ވަކި ގޮތްތަކެއް ނިންމިފައެއް ނުވެ އެވެ. އަންނަ މަހުގެ ތެރޭގައި މިނިސްޓަރު ކުޅުދުއްފުއްޓަށް ވަޑައިގެން އެ ތަންތަން ބައްލަވާލެއްވުމަށް ވަނީ ނިންމަވާފަ އެވެ. އަދި އެއަށްފަހު ކައުންސިލާ ބައްދަލުކޮށް، ގުދުރަތީ ތަންތަން ހިމާޔަތްކޮށް، އެ ތަންތަން ތަރައްގީ ކުރާނެ ގޮތާމެދު ގޮތަކެއް ކަނޑައެޅިގެން ދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

"މީގެކުރިން މިފަދަ ކަންކަމުގައި މިނިސްޓްރީތަކުން ކައުންސިލާ އެއްވެސް ވަރަކަށް ގުޅުމެއް ނުބާއްވާ، ނަމަވެސް މިހާރު ފެނިގެން މިދަނީ ތަފާތު މަންޒަރެއް، ތަފާތު ކަންތައްތަކެއް ހިނގަމުން މިދަނީ، އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރަން،" ލަތީފް ވިދާޅުވި އެވެ.

ކައުންސިލަށް މުހިންމީ ތިމާވެށި!

ކލަތީފް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ކައުންސިލަށް އަންނަ ބޮޑު ފާޑުކިޔުމަކީ ތިމާވެއްޓަށް ކައުންސިލުން އިސްކަން ނުދޭކަން ކަމެވެ. ނަމަވެސް އެ ކައުންސިލަކީ ތިމާވެއްޓަށް އިސްކަންދޭ އެއީ މުހިންމު ކަމެއް ކަމުގައި ދެކޭ ކައުންސިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއުއަކީ އެ ކައުންސިލް ބާރުގެ ތެރެއިން ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި އޭރު ސަރުކާރުން ކަންކަން ނިންމުމުގައި ކައުންސިލްގެ ދައުރެއް ނޯންނާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އެހެންވެ، ކައުންސިލުން މިހާރު މަސައްކަތް ކުރާނީ ބާކީ އޮތް ބައި ވެސް ހިމާޔަތް ކުރެވޭތޯ ކަމަށެވެ.

ލަތީފް ވިދާޅުވި ގޮތުގައި ރަށުގައި ކިޔަވައިގެން ތިބި މީހުން ތިބި އެހެން ބައެއް އިދާރާތަކުން ވެސް ތިމާވެއްޓަށް ގެއްލުންވާފަދަ ކަންކަމުގައި އެދެމުންދެ އެވެ. އެކަމަކު އެކަންކަމަށް ހުއްދަ ނުދީ ކައުންސިލުން ހިފަހައްޓާފައިވަނީ ތިމާވެއްޓަށް ގެއްލުމެއް ދިނުމަކީ ކުރަން ބޭނުން ނުވާ ކަމަކަށްވާތީ އެވެ.

އެގޮތުން ކުޅުުދުއްފުށީ ދެކުނުގައި އޮތް ފެންގަނޑު ހިއްކުމަށްފަހު އެ ބިން އަފީފުއްދީން ސްކޫލްގެ ކުޅޭ ބިމަކަށް ހެދުމަށް އެ ސްކޫލުން އެދިފައިވާ ކަމަށާއި ހަމަ އެގޮތަށް އެސްޓީއޯގެ ބޭސް ފިހާރަ ހެދުމަށް ކުޅުދުއްފުށީގައި ހޮނިހިރު ބާޒާރު ބާއްވާ ބިން ހޯދުމަށް ވެސް އެދިފައިވާ ކަމަށެވެ. އެ ބިމަކީ ބިޔަ ގަސްތަކެއް ހުރި ތަނެކެވެ. ނަމަވެސް ބޭސް ފިހާރައަކީ އެހެން ބިމެއްގައި ވެސް އެޅި ދާނެ ތަނަކަށްވެފައި އެފަދަ ގަސްތަކެއް ހުރި ހިތްފަސޭހަ ތަނެއް ނައްތާލަން ކައުންސިލުން ބޭނުން ނުވާތީ އެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.