ރައިސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭ އިސްލާހު މަޖިލީހުން ފާސްކުރިޔަސް، ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މީގެކުރިން ވެސް އެއީ ތާއިދު ކުރައްވާ އިސްލާހެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތް ހެދުމަށް ތާއިދު ނުކުރައްވާ ކަމަށާއި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް ތަސްދީގު ނުކުރައްވާނެ ކަމަށެވެ.
އިސްލާހު ހުށަހަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދެވެ. ލަތީފަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ މިއަދު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށެވެ.
އޭނާ ވަނީ ހަމަ އެ އިސްލާހު މީގެކުރިން އިންތިހާބުތަކާބެހޭ ގާނޫނަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެހެންވެ ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް ޝަރުތުތަކަށް ބަދަލު ގާނޫނަކުން ނުގެނެވޭނެ ކަމަށް އެ ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.
އެހެންވެ ލަތީފް މިހާރު ހުށަހެޅުއްވީ ގާނޫނު އަސާސީގައި މަޖިލިސް މެންބަރުންގެ ޝަރުތުތައް ކަމަށް ބަޔާންކުރާ މާއްދާއަށް އަކުރެއް އިތުރުކޮށް، ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތް ހަދާށެވެ.
މި އިސްލާހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރާ އިސްލާހެއް ކަމަށް އެމްޑީޕީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެމަނިކުފާނު އަންނަ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ވާދަ ކުރެއްވުމަށް ނިންމަވާފަ އެވެ.