ހަބަރު

"ޖަލުގައި އަނިޔާ ނުލިބުނު ނަމަ ހޯމް މިނިސްޓަރަކަށް ނުވީސް"

މިދިޔަ އަހަރުތަކުގައި ޖަލުގައި އަނިޔާތަކެއް ލިބިވަޑައިނުގަތް ނަމަ ހޯމް މިނިސްޓަރުގެ މަގާމްއާ ހަވާލުވެވަޑައި ނުގަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު"އަށް ދެއްވި އިންޓިވިއުއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އޭނާ ހުންނެވީ ޖަލުގެ އަނިޔާއާ ލިބުނު ހިތްދަތިކަން ވަރަށް ބޮޑަށް ތަޖުރިބާކޮށްފައި ކަމަށާއި ހާއްސަކޮށް ޖަލަށް ލުމަށް ފަހު ވެސް ގަވައިދުތަކާ ހިލާފަށް ގެއްލުން ދިނުމުގެ މަސައްކަތް ކުރުމުން ލިބޭ ނިކަމެތިކަން ވެސް ތަހަންމަލު ކުރައްވާފައި ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން އާއިލާއަށާއި ރައްޔިތުންނަށް ކުރާނެ އަސަރު ދެނެވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެ ތަޖުރިބާތަކުގެ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތެރޭގައި ހިނގަމުން އަންނަ އެފަދަ ކަންކަން ހުއްޓުވަން ބޭނުންވެވަޑައިގަންނަވާ ކަމަށް އިމްރަން ވިދާޅުވި އެވެ. އަދި އެ ޖަލުގެ ހިތި ތަޖުރިބާތައް ނުކުރެވުނު ނަމަ މިއަދު ހޯމް މިނިސްޓަރުގެ މަގާމްއާ ހަވާލު ވެވަޑައިނުގަންނަވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު މި މުުއައްސަސާ [ހޯމް މިނިސްޓްރީ]އާ ހަވަލު ނުވީސް ޖަލުގެ ތަޖުރިބާ އާއި ހިތްދަތިކަން އިހުސާސް ނުކުރެވުނު ނަމަ، އަޅުގަނޑަށް އެނގޭ ކުށެއް ނެތް މީހަކު ޖަލަށްލާ އަދަބު ދެވިއްޖެ ކަމަށްވާނަމަ އެއީ ވަރަށް ބޮޑު ނިކަމެތި ކަމެއް އާއިލާއަށާއި އެ މީހަކަށާއި ހުރިހާ އެންމެނަށް ވެގެންދާ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތެރެއިން އަމަލު ކުރެވިގެން ދާ ގޮތަކީ ރައްޔިތުންގެ ސުލްހަމަސްލަތާއި ރައްކާތެރިކަމާއި އަމާންކަމާ ގުޅިފައި އޮންނަ ކަމެއް ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުމުގައި ހަމަޖެހިލައިގެން އުޅެވޭނީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރެވުނު ވަރަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިންނަށް އެ ދެ މުއައްސަސާގެ ތެރެއިން ބިރުވެރި ނާމާންކަމާ ކުރިމަތިލާން ޖެހިފައި ހުރި ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންކަމުން މަގާމާ ހަވާލުވަމުން ކުށެއް ނުކުރާ މީހަކަށް އަދަބު ނުދެއްވަން އެ ދެ މުއައްސަސާގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި މަސައްކަތާގެން އަޅުގަނޑު ތެދުވާއިރު މަސައްކަތް ފެށި ދުވަހު ވެސް އަޒުމު ކަނޑައަޅާ އެބޭފުޅުންނާއެކުގައި ފުރަތަމަ ހިއްސާ ކުރި މުހިންމު ކަމެއް އޮވޭ އަދި މީޑިއާއެއްގައި ނުދެންނެވޭ. އަޅުގަނޑު ދެންނެވިން ފަހަރެއްގައި ކުށެއް ކުރާ އެންމެން ހޯދާ އެ މިހުންނަށް ދޭން ޖެހޭ އަދަބު ނުދެވިދާނެއޭ، އެކަމަކު އަޅުގަނޑު ތިބޭފުޅުންގެ އިސް މީހަކަށް ހުރެގެން ކުށެއް ނުކުރާ މީހަކަށް އަދަބު ލިބިގެން ނުވާނެއޭ،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއަށް މިދިޔަ ދުވަސްތަކުގައި ދިމާވެފައިވާ އޮތް އެންމެ ބޮޑު މައްސަލައަކީ ވެސް އެއީ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން ބޮޑެތި ކުށްތަކަށް އަރާ މީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް ފަހު، ކުށްތަކުގެ ތެރެއިން ވެސް ކުށަކަށް ނުވާ އަދި ކުށެއް ނުކުރާ މީހުންނަށް ކޮންމެވެސް ގޮތަކުން އަދަބު ލިބިގެންދާ މަންޒަރު ފެންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެ އެ މުއައްސަސާގެ އަގު ރައްޔިތުންގެ ކުރިމަތީ ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އަލުން މި ފަށަނީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ހޯދުމުގެ ގޮތުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ނަފްސަށް އަބަދު ވެސް އިހުސާސް ކުރަން ކޮންމެ ރެއަކު ނިދުުމުގެ ކުރިން ވެސް އަޅުގަނޑަށް ވިސްނޭ އެއްވެސް މީހަކާ ދޭތެރޭ އަޅުގަނޑަށް އަނިޔާވެރިވެވޭތޯ އަޅުގަނޑަށް މިހަކަށް އެނގިހުރެ ގެއްލުމެއް ދެވޭތޯ އަޅުގަނޑުގެ ސަބަބުން މީހަކަށް ދެރަގޮތެއްވޭތޯ، އަޅުގަނޑު ބޭނުން ނުވާ ކަމެއް އެއީ، އަޅުގަނޑެއް އިރާދަކުރެއްވީއާ އެނގިހުރި އަނިޔާއެއް ނުކުރާނަން،" އިމްރާން ވިދާޅުވި އެވެ.