ހަބަރު

ފުލުހަށް ސިޔާސީ ނުފޫޒު ވަނަ ނުދޭނަން: މިނިސްޓަރު

ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒާއި ބާރުވެރިކަން ވަނަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، "އަވަސް" އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގަ އެވެ. އިމްރާން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފުލުހުންގެ ބައެއް އަމަލުތައް ހުރި ގޮތުން އެ މުއައްސަސާއަށް ރައްޔިތުންގެ އިހްތިރާމާއި ގަދަރު ކުޑަވެގެން ދިޔަ އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މުއައްސަސާއާއެކު މި މަސައްކަތް ފަށަނީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް، އިރާދަކުރެއްވިއްޔާ ފުލުހުންގެ މިއަދުގެ ލީޑަޝިޕް އޮތީ އެކަމަށް ތައްޔާރުވެ، އެކަމަށް އެބަ މަސައްކަތްތައް ކުރޭ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި މައްސަލަތައް އުޅޭނަމަ އޮޔާ ދަނީ ހަމައެކަނި އެ މުއައްސަސާ ނޫން ކަމަށާއި މުޅި ގައުމު އޮޔާ ދާނެ ކަމަށެވެ. ފުލުހުންގެ މުއައްސަސާއާމެދު ގައުމީ ލެވެލެއްގައި ވިސްނަން ޖެހެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މުއައްސަސާ ބަލިކަށިވެ ނިކަމެތިވާ ވަރަކަށް ނުވަތަ އަގު ވެއްޓޭ ވަރަކަށް އިހްތިރާމް ކުޑަވާ ވަރަކަށް އެ ކުޑަ ވަނީ މުޅި ގައުމުގެ އިހްތިރާމް، މުޅި ގައުމު އެ އޮޔާ ދަނީ، އެކަމުން ސަލާމަތްވުމަށް މުޅި ލީޑަޝިޕް އެކުގައި މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ހޯމް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސްއާ ދެމެދު އޮންނަންޖެހޭ ގުޅުމަކީ ސިޔާސަތުތައް ކަނޑައަޅައި އުސޫލުތައް ހަމަޖައްސައި ކަންކަން ފުރިހަމައަށް ގެންދަން އޮންނަން ޖެހޭ ގުޅުމެއް ކަމަށެވެ. ހޯމް މިނިސްޓަރަކީ ފުލުހުންގެ ދުވަހުގެ އޮޕަރޭޝަންގެ ތެރެއަށް ވަދެ، ވަކި ގޮތަކަށް ކަންތައްތައް ކުރަން އަންގަން ޖެހި ވަޑައިގަންނަވާ ފަރާތެއް ނޫން ކަމަށެވެ.

"މުޅި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް ގާނޫނު ނަގަހައްޓުމަށްޓަކައި މިނިސްޓަރަށް އޮންނަ ޒިންމާއަކީ ކޮމިޝަނާ އޮފް ޕޮލިސްއާއެކު ގާތްކޮށް މަސައްކަތްކުރުން، އޭގެ ނަތީޖާއެއްގެ ގޮތުން ޒިންމާދާރު ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައި ހިނގުމަށް މަގު ފަހިވެގެން ދާނީ،" އިމްރާން ވިދާޅުުވި އެވެ.

ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒުން ވެއްދުމަކީ ވަކި ފިކުރެއް ނުވަތަ ވަކި ބައެއްގެ ބާރު މުއައްސަސާގެ ތެރެއަށް ގެންގޮސްގެން، އަމަލު ކުރަން ޖެހޭ ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުވުން ކަމަށް އިމްރާން ވިދާޅުވި އެވެ. ގާނޫނީ އިމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާނަމަ ސިޔާސީ ގޮތުން ވެސް އެ ދަނީ ރަނގަޅަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކުރާނެ ވަންނަން ނުޖެހޭ ސިޔާސީ ނުފޫޒެއް ނޫނީ ސިޔާސީ ގޮތުން ކަންކަން ކުރެވިގެން ނުވާނެ ގޮތަކަށް އެ މުއައްސަސާ ތެރެއަށް އަޅުގަނޑު ވެސް އަދި އެހެން ފަރާތަކުން ވެސް އެ ބާރާއި ނުފޫޒު ވަނަ ނުދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު މި މަސައްކަތުގައި ކުރާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ފުލުހުން އަމަލު ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބާރު އަޅުއްވާ ކަމަށެވެ. ދިވެހި ފުލުހުންގެ މުއައްސަސާއަކީ ގާބިލް، ޒުވާން އެތައް ބޭފުޅުންނެއް ތިބި މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާއަށް ހަރުދަނާކަން މަތީ މަސައްކަތް ކުރެވޭނެ ކަމަށެވެ.