މާރާމާރީ ހިންގުން

މާލޭގެ ދެ ސަރަހައްދެއްގައި މާރަމާރީ ހިންގައިފި

މާލޭ ދެ ސަރަހައްދެއްގައި މާރަމާރީ ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ހެންވޭރުގައި ހުންނަ އަލޯރާ ކަންމަތީ ސައިކަލެއްގައި އިން މީހެއް ގައިގައި ގްރޫޕަކުން ގޮސް ޖަހައި މާރަމާރީ ހިންގާފައިވާ ކަމަށާއި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ މީހަކަށް ކަމަށެވެ. އޭނާއަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވެ އެވެ.

އޭގެ އިތުރުން ބިންމާގޯޅީގައި ވެސް މާރަމާރީއެއް މިރޭ ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މާރަމާރީގައި 29 އަހަރުގެ މީހަކަށް އަނިޔާވެފައި ވެއެވެ. އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުލިބެ އެވެ.

އެ ދެ މާރަމާރީގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. މީހަކު ހައްޔަރެއް ނުކުރެ އެވެ.