ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ހުށަހަޅާ އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒާ ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކް ޝޮޕްގައި އެ ޕާޓީ އިން ވަނީ ސުޕްރީމް ކޯޓުގެ ގިނަ ބާރުތަކެއް މަދުވާ ގޮތަށް އިސްލާހުތައް ގެންނަން ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި މައްސަލަަަތައް ފަނޑިޔާރުންނާ ހަވާލު ކުރުމުގެ ބާރާއި ގިނަ މަސައްކަތްތައް ކޯޓުގެ ރަޖިސްޓްރާ ކުރާ ގޮތަށް ގާނޫނު އިސްލާހު ކުރަން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އެމްޑީޕީ އިން ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާ ހިލާފު އިސްލާހުތަކެއް ކަމަށެވެ. އެއީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެހާ ބާރުތަކެއް ލިބިގެން ވަނީ ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް އަދި ގާނޫނުން ކަނޑައެޅިފައިވާ ދަށު ކޯޓަކަށް ކަމަށް ބުނާ މާއްދާ އެވެ.
ޖަމީލު ވިދާޅުވީ އެމްޑީޕީ އިން ގެންނަ އިސްލާހުތަކުގައި އިންޑިޔާފަދަ ބޮޑެތި ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތައް ކަމަށްވާ ސުމޯޓޯ އާއި ދުސްތޫރީ މައްސަލަތައް ބަލާ ގޮތާ ވެސް އެ އިސްލާހުތައް ހިލާފު ކަމަށެވެ. އަދި ވަކިވަކި ފަރާތްތަކަށް އަމާޒުކޮށްގެން ގާނޫނުތަކަށް އިސްލާހު ގެނައުން ހުއްޓުވާ މުއައްސަސާތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޖަމީލު މިހެން ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދު ވެސް ވަނީ އޭނާއަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އިސްލާހުތަކަކީ ވަކި ފަނޑިޔާރުންތަކަކަށް އަމާޒުކޮށްގެން ގަންނަ އިސްލާހުތަކެއް ނޫން ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.