ހަބަރު

ޖުޑިޝަރީ އިސްލާހުކުރަން ވަކި ކުލައެއް ނުޖެއްސުން މުހިންމު: ޖަމީލު

ސިޔާސީ ވަކި ފިކުރަކަށް ޝަރުއީ ނިޒާމް އިސްލާހު ނުކުރެެވޭނެ ކަމާއި އެކަމަކީ އިލްމީ ގޮތުން ބަހުސްކޮށް ޒިންމާދާރުކަމާއެކު ކުރަންޖެހޭނެ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމާއި މިނިވަންކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ފެށި ކޮންފަރެންސްގައި ދެއްވި ސްޕީޗްގަ އެވެ. ޖަމީލު ވިދާޅުވި ގޮތުގައި ރާއްޖޭގެ ނިޒާމް ބައްޓަންކޮށްފައިވަނީ ތިން ބާރު ވަކިން ކަމަށްވާއިރު ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ވަކި ބާރަކުން ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ.

"ނުފޫޒު ވަންނަ ގޮތަށް އިސްލާހު ކުރުމަކީ ވަރަށް ހިތާމަވެރި ކަމަކަށް ވެދާނެ، އެއީ ޝަރުއީ ނިޒާމް ހަރުދަނާ ކުރުމުގެ ބަދަލުގައި ފަހަތަށް އެޅޭނެ ފިޔަވަޅަކަށް ވެގެން ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ޖަމީލު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރު ޖަމީލު ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަކީ ވަކި ކުލައެއް ނުޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ. ޝަރުއީ ނިޒާމް އިސްލާހުކުރުމުގައި ވަކި ސިޔާސީ ފިކުރެއް ޖެއްސުމުގެ ބަދަލުގައި އެކަން ކުރަން ޖެހެނީ އިލްމީ ގޮތުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުޑަކުޑަ ވޯކްޝޮޕެއްގެ ތެރޭގައި ވަކި ޕާޓީއަކުން ވަރަށް އާދައިގެ ގޮތަކަށް ނިންމާލާ ކަމަކަށްވުރެ ބޮޑު ކަމެއް މިކަމަކީ، މިކަން ކުރާއިރު އދ. އާއި އެހެން ގައުމުތަކުގެ އެޕްސްޕާޓުންގެ ރައުޔު ހޯދައިގެން މެނުވީ މިފަދަ ކަމެއް ކުރަން ހެޔޮ ނުވާނެ، ދެތިން މީހަކު އެއްވެފަ ކުޑަކުޑަ ވޯކްޝޮޕެއް ތެރޭގައި ނިންމާލާ ކަމަކަށްވުރެ މިކަން ބިޔަ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ފާޑުވިދާޅުވެފައިވަނީ އެމްޑީޕީއިން އަންނަ ރައްޔިތުންގެ މަޖިލީހަށް ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށް ބުނެ ތައްޔާރުކޮށްފައިވާ އެޖެންޑާ19ގައިވާ ކަންކަމަށެވެ. އެ އެޖެންޑާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ބާރުތަކެއް ހިފަހައްޓައި، އިސް ގާޒީއިން ބާރުތައް ހަނިކޮށް ކޯޓުތަކުގެ ރަޖިސްޓްރާއިންގެ ޒިންމާ ބޮޑު ކުރާނެ އެވެ. މީގެއިތުރުން ކޯޓުތަކުގެ ކަންކަމާ ހަވާލުވެ ހުންނަވާނެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް ކަނޑައަޅައި އޭނާއަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރެވޭނެ މީހެއްގެ ގޮތަށް ހެދުމަށް އެމްޑީޕީއިން ނިންމާފައިވެ އެވެ.

"ޝަރުއީ ނިޒާމް އިސްލާހުކުރުމަށް ކުރާ ކަމަކުން ޝަރުއީ ނިޒާމްގެ މިނިވަންކަން ނިގުޅައިގަނެގެން ނުވާނެ، ކޯޓުތަކުގެ އިދާރީ ހިންގުމާ ހަވާލުވެ ތިބޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބުދާރީކުރުވުމަކީ އދ.އިން ފާސްކޮށްފައިވާ ގަރާރުތަކާއި ތަފާތު މުއާހަދާތަކުގައި އެކުލެވިފައިވާ އުސޫލުތަކާ ހިލާފު ކަމެއް، އެހެންވީމަ ކޯޓުތަކުގެ އިދާރީ ހިންގުމުގެ ތެރެއަށް މަޖިލީހުން ވިޔަސް އަދި އިތުރު ފަރާތެއް ވިޔަސް ވަނުމަކީ އެއީ ބައިނަލްއަގްވާމީ ހަމަތަކުގައި ނެގެހެއްޓޭނެ ކަމެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.

ޖިނާއީ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލިފައިވާ ތަނަކަށްވާއިރު އެމްޑީޕީގެ އެޖެންޑާ19ގައިވާ ގޮތަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އެ މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އޮތުން ރަނގަޅު ނޫން ކަމަށެވެ.

ޖަމީލު ވަނީ ސުޕްރީމް ކޯޓަށް އަމިއްލައަށް ފެނިގެން މައްސަލަތައް ނުބެލޭނެ ގޮތަށް އެ ކޯޓުގެ ބާރުތައް ހަނިކުރަން އެމްޑީޕީއިން ކުރާ މަސައްކަތަށް ވެސް ފާޑުވިދާޅުވެފަ އެވެ. ޖަމީލު ވިދާޅުވި ގޮތުގައި އެއީ ރާއްޖެ ބައިވެރިވާ މުއާހަދާތަކާއި އދ.ގެ ގަރާރުތަކާ ވެސް ފުށު އަރާ ކަމެއް ކަމަށެވެ. އަދި އެ ބާރުތަކަކީ ގާނޫނު އަސާސީއިން އެ ކޯޓަށް ދީފައިވާ ބާރުތަކެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ޖަމީލު ވިދާޅުވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެކަން ހާއްސަ މަޖިލީހުން ގާނޫނު އަސާސީއިން އެކުލަވާލަމުން ދިޔައިރު ވެސް ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމްގެ މިނިވަންކަމަށްޓަކައި އެބަޖެހޭ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަކީ އޭގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާވާނެ ގޮތަކަށް ފަރުމާކުރަން، މިހާރު އޮތް ގޮތުން ވިއްޔާ މަޖިލިސް މެންބަރުންނާއި ސިޔާސީ ފަރާތްތަކުން އައްޔަން ކުރާ މީހުން ޖޭއެސްސީގައި އެކުލެވިގެންވޭ، ކުރީގަ ޖަސްޓިސް މިނިސްޓްރީ އޮވެގެން ފާޑުކީ މީހުން މިހާރު އަމްދުން ފާޑުކިޔަން ޖެހޭނެ ކަމެއް،" ޖަމީލު ވިދާޅުވި އެވެ.

ޖޭއެސްސީ މިހާރު އޮތް ގޮތަށް އޮވެގެން ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ. ޝަރުއީ ނިޒާމްގެ އެންމެ މުހިންމު ސޯބުގެ ތެރެއަށް ސިޔާސީ މީހުން ވަނުން ގޯސް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮތް ގޮތް ބަލައި، ދިރާސާކުރުމަށްފަހު އިސްލާހު ކުރަން ޖެހޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.

އިސްލާހަށް ޖަމީލުގެ ހުށަހެޅުންތަކެއް

ޖަމީލު ވަނީ ޝަރުއީ ނިޒާމަކީ އަދުލުވެރި ތަނަކަށް ހެދުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ހިޔާލެއް ވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި ގޯސްކޮށް ހިނގާފައިވާ ކަމަކަށް ބެލެވޭ ކަންކަން ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން ބަލަންޖެހޭކަން ފާހަގަކުރެއްވި އެވެ.

"އެކަންކަން އަލުން ތަހުގީގު ކުރުމަކީ ހަގީގަތުގައި ރާއްޖޭގެ ފަނޑިޔާރުގެއާ ދޭތެރޭގައި އިތުބާރު ލިބިގެންދާނެ ކަމެއް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ބިޔަ މާސިންގާ ކަންތައްތަކެއް ހިނގާފަ އެބަހުރިކަން، އެ ހަގީގަތް ގަބޫލުކޮށްގެން ކުރިއަށް ދިޔުމަކީ ކަމެއް ރަނގަޅު ކުރުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް، ތުއްތު ކުއްޖެއް ތަރުބިއްޔަތު ކުރުމުގައި ވެސް އަބަދު ދޮނާދޮނާ ކިޔައިގެން ދަރިއަކު އިސްލާހެއް ނުވާނެ، ނަސޭހަތާއި އިންޒާރު ދޭން ޖެހޭ ވަގުތު އެކަން ވެސް ކުރަން ޖެހޭ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ގާނޫނީ އޮނިގަނޑުގެ ސަބަބުން ޝަރުއީ ނިޒާމަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތަކަކީ ކޮބައިތޯ ވެސް ބަލަންޖެހޭ ކަމަށެވެ. ގާނޫނުތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތަކުގައި ކަން އުސޫލު ބަލަައި ދިރާސާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިވަން، އިންސާފުވެރި ފަނޑިޔާރުގެއެއް ނެތި ކިތަންމެ ރީއްޗަށް ގާނޫނުތައް ހެދިޔަސް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ނުވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ. އެހެންކަމުން އެންމެ މުހިންމީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މިނިވަންކަމާއި އިންސާފުވެރިކަން ކަމަށް ޖަމީލުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވި އެވެ.