ފަނޑިޔާރުންގެ ގޯސް ވާހަކަތައް ވެސް ދައްކަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ފަނޑިޔާރުގެ އިސްލާހު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ވައްކަންތައް ކުރަނީ ފަނޑިޔާރުން އެކަމަށް މަގުފަހިކޮށްދޭތީ ކަމަށެވެ. އެކަމަކު ދިވެހިންނަށް އުޅެން ޖެހިފައިވަނީ އެ ހަގީގަތުގެ ވާހަކަ ދައްކަން ނުކެރިގެން ކަމަށެވެ.
"މި ވާހަކަ ސާފުކޮށް ނުދައްކާ، މުޅި ދިވެހިން އެ ފަނޑިޔާރުން ލަދު ގަންނުވާނުލާ އަޅުގަނޑުމެންގެ ފަނޑިޔާރުގެއެއް އިސްލާހެއް ނުވާނެ، ތިޔަ ބޭފުޅުންނަށް އެނގޭ ކޮންމެ ވާހަކައެއް ތަކުރާރުކޮށް ދައްކަވާ، އާންމު ކުރައްވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅެއް މިކަމަށް ޖެހިލުންވެއްޖެނަމަ އަޅުގަނޑުމެން އެންމެން ހަލާލު ވާނެ، އެންމެން އެކުގައި ތިބެގެން މިކަން އިސްލާހު ކުރިއްޔާ ނޫނީ އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކެއް އިސްލާހެއް ނުކުރެވޭނެ،"
މިރޭ އެހެން ވިދާޅުވުން ފަނޑިޔާރުން އެމަނިކުފާނާމެދު ހިތްހަމަ ނުޖެހޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އަމާޒަކީ ފަނޑިޔާރުގެ އިސްލާހު ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުގޭގައި މިހާރު ތިއްބެވި ބޭފުޅުން ބަދަލުކޮށްގެން އެ ތަން އިސްލާހު ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބޭނުން ވަނީ ފަނޑިޔާރުންތައް ބަދަލުކުރުން ނޫން ކަމަށާއި ބޭނުމީ ހަރުދަނާ ނިޒާމެއް ކަމަށެވެ.
"ބައެއް މީހުން ބުނޭ ބޭނުން ވަނީ އިހްލާސްތެރި މީހެކޭ، ނޫން ބޭނުން ވަނީ ނުލަފާ މީހާ ހުއްޓާ ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް، ބޭނުން ވަނީ އެ ނިޒާމް، އަޅުގަނޑުމެން ނުވެސް ދަންނަން އިހްލާސްތެރި މީހެއް ހެޔޮލަފާ މީހެއް، ހަމަ ދަންނަނީ އިންސާނެއް، އެންމެންނަކީ ވެސް އާދައިގެ އިންސާނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ނުލަފާ މީހުންނަށް ވެސް ގޯސް ކަމެއް ނުކުރެވޭނެ ނިޒާމަކީ އެމްޑީޕީގެ އެޖެންޑާ 19 ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭންވީ އެހެންވެ ކަމަށެވެ. ބޭނުންވާ އިސްލާހުތައް ގެނެވޭނީ އޭރަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.