ހަބަރު

ގްރީން ކްލައިމެޓް ފަންޑުގެ އެހީ ހޯދަން މަސައްކަތް ފަށައިފި

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހަޅަން ކުދި ޖަޒީރާ ޤައުމުތަކަށް ހާއްސަކޮށްގެން މާލޭގައި ބައްދަލުވުމެއް ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިންްޓަނޭޝަނަލް ރިނިއުބަލް އެނާޖީ (އައިރީނާ) ގުޅިގެން މިއަދު ފެށި މަސައްކަތު ބައްދަލުވުމަކީ، ކުދި ޖަޒީރާ ގައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވަން ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓް ނޯޓްތައް ތަރައްގީ ކުރުމާއި އަމިއްލަ ވިޔަފާރިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ބާރުއެޅުމާއި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްގީއަށް އެހީތެރިވެ ދިނުމެވެ.

ވޯކްޝޮޕް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އިއާދަ ކުރަނިވި ހަތަކައިގެ ބޭނުން އެންމެ ފަސޭހައިން ހިފޭނީ ރާއްޖެ ކަހަަލަ ކުދި ގައުމުތަކަށް ކަމަށެވެ. މި ބައްދަލުވުމުގެ ސަބަބުން، ރާއްޖޭގައި ވެސް އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރެވޭކަން، އެހެން ގައުމުތަކަށް ދެއްކޭނެ ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެއަކީ މުޅި އަހަރު އަވީގެ ހަކަތަ ލިބޭ ގައުމެއް ކަމަށާއި އެހެން ގައުމުތަކަށްވުރެ ރާއްޖޭގައި އިއާދަ ކުރުވަނިވި ހަކަތަ ގިނަ ދުވަހަށް ދަމަހައްޓަން ފަސޭހަ ނަމަވެސް، ރާއްޖޭގައި އަދިވެސް ގިނަ މީހުން މަސައްކަތް ކުރަނީ އިންޖީނުގެ އަޅާ، ފޮސިލް ފިއުލް ބޭރު ކުރަން ކަމަށެވެ. އަދި ރާއްޖެއިން ލިބެންހުރި ވަސީލަތްތަކަށް ބިނާކޮށް ދެމެހެއްޓެނިވި ހަކަތައަށް އެއްކޮށް ބަދަލު ކުރުމަކީ މާ އެދެވިގެންވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ވެސް މިނިސްޓަރު ހުސެއިން ރަޝީދު ހަސަނެވެ. މި ބައްދަލުވުމުގައި 12 ގައުމެއްގެ، 22 މީހަކު ބައިވެރިވި އެވެ.