ރާއްޖެއާ ގުޅޭ ގޮތުން ލިޔާ ހިތްވާ ލިޔުންތެރިން ވަރަށް ގިނަ އެވެ. ރާއްޖެ ޒިޔާރަތްކޮށް ކަންކަން ތަޖުރިބާކުރުމަށްފަހު އެ ވާހަކަތައް ކިޔައިދޭ ހުޅަނގުގެ ލިޔުންތެރިން ވަރަށް ގިނަ އެވެ. ބައެއް ލިޔުންތެރިންގެ ޝައުގު ރާއްޖޭގެ ރީތި ކަމަށް ހުސްވާއިރު އަނެއް ބަޔަކު ނަގަނީ ސަގާފަތެވެ. ބައެއް ފަހަރު "ޓްވިސްޓް" ކޮށްލާ މުޅިން އެހެން މަންޒަރެއް ދުނިޔެއަށް ދައްކާ ލިޔުންތެރިން ވެސް އެބަ ތިއްބެވެ.
އެފަދަ ލިޔުންތެރިއެއް މިފަހަރު މިއޮތީ "އަތުލައިގަނެވިފަ" އެވެ. އިޓަލީއަށް ނިސްބަތްވާ ލިޔުންތެރިއެއް ކަމަށްވާ ފްރެންޗެސްކާ ބޮރީގެ "ޑެސްޓިނޭޝަން ޕެރަޑައިސް: އެމަންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް" ފޮތަކީ ރާއްޖެ ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު އެތައް ވާހަކައެއް ހިމެނޭ ފޮތެކެވެ.
އެކަން އެންމެންގެ ސަމާލުކަމަށް ގެނައި އެ ފޮތް ކީ ދިވެއްސެކެވެ. ނަޝް ނަޝީދު އެ ފޮތް ކިޔަމުން އޭގައި ހުރި ކަންބޮޑުވާން ޖެހޭ ފަދަ އެތައް ވާހަކަތަކެއް ދިވެހިންގެ ސަމާލު ކަމަށް ގެނަ އެވެ. އެ ފޮތުގައި ބޮރީ ބުނެފައިވާ ގޮތުން ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ހޭލުންތެރި ބަޔަކު ތިބި ގައުމެއް ނޫނެވެ. ރާއްޖޭގައި އައިފޯނެއް ގެންގުޅޭ މީހަކު ވެސް ނޫޅޭ ކަމަށެވެ. އޭނާ ރާއްޖެއަށް ކުރި ދަތުރުން އެނގުނީ އައިފޯނެއް ލޮލަށް ދުށް މީހަކު ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
އޭނާގެ އައިފޯނެއް މެސެޖެއް އައި އަޑު އިވުމުން ރާއްޖޭގެ މީހުން ހައިރާންވެ ބަލަން ތިބި ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އޭނާ އެއާޕޯޓުން ފެނުމުން އެފެރިކާގެ މީހުން ހެން ކުޑަ ތިން ކުދިން އޭނާއަށް ބަލަހައްޓައިގެން ތިބި ކަމަށް ވެސް ލިޔެފައިވެ އެވެ. ހީވީ ދުވަހަކު ބޭރު މީހަކު ނުފެންނަ ބައެއްގެ ތެރެއަށް އާދެވުނުހެން ކަމަށް އޭނާ ބުނެ އެވެ.
ހަމައެހެން، ރާއްޖެއަކީ އަމިއްލަ ކެއުންތައް ނެތް ހަމައެކަނި ގައުމު ކަމަށް ވެސް އޭނާ އެ ފޮތުގައި ލިޔެފައިވެ އެވެ. ފޮތް ވިއްކާ ފިހާރައެއް ވެސް ރާއްޖޭގައި ނެތޭ ވެސް އޮތެވެ. ލިޔެފައިވާ ގޮތުން ރާއްޖެ ގިނަ ފިރިހެނުންނަކީ ސިރިއާއަށް ގޮސް ނޫނީ ދާން މަގުމަތީގައި ތިބި ބައެކެވެ. ގައުމުތަކުން އޮލިމްޕިކްސް ބަލަން ތިބޭއިރު ރާއްޖޭގައި ބަލަނީ ސީރިއާގައި ހިނގާ ހަނގުރާމަ ކަމަށް އޭނާ ލިޔެފައިވެ އެވެ.
ޓްވިޓާގައި މިހާރު އެންމެ ބޮޑު ސަމާލު ކަމެއް އައިސްފައިވަނީ މިކަމަށެވެ. ނަޝް ފާހަގަކުރި ކަންކަމަށް އެންމެން ވެސް ބޮރީއަށް ދަނީ ފާޑުކިޔަމުންނެެވެ. އަދި އޭނާއަށް ރާއްޖެއާ ބެހޭ ހަގީގަތް ހާމަކޮށްދިނުމަށް އެންމެން އެކުގައި ދަނީ ޓްވީޓްތައް ކުރަމުންނެވެ.
ދިވެހި އަމިއްލަ ކެއުންތަކުގެ ފޮޓޯތައް ޓްވިޓާގައި މާގިނައީ އެހެންވެ އެވެ. ބައެއް މީހުން ވަނީ ދިވެހި ކެއުންތައް ހިމަނައިގެން ލިޔެފައިވާ އިނގިރޭސި ފޮތްތަކުގެ ކޮޕީ ބޮރީއަށް ފޮނުވާފަ އެވެ. ފޮޓޯތައް ވެސް ފޮނުވާފައިވެ އެވެ. ދިވެހި ކެއުންތަކާ ގުޅޭ ގޮތުން ދިރާސާ ކުރަމުންދާ ދިވެހިން ވެސް ބޮރީއަށް ރައްދު ދީފައިވެ އެވެ.
ހަމައެހެން، ބޮރީގެ ވާހަކަތަކަކީ ރާއްޖޭގައި ތިބި އައިފޯނު ފޭނުން ވަރަށް ރުޅި އަރުވާލި ކަމެކެވެ. ހަގީގަތަކީ ރާއްޖޭގައި އައިފޯނު ނުގެންގުޅޭ މީހަކު މަދު ކަމެވެ. ކުޑަކުދިން ވެސް ޝާމިލުވާ ގޮތަށެވެ.
ރާއްޖެއަކީ ޖިހާދު ކުރާ ގައުމެއްގެ ގޮތުގައި ސިފަކޮށްފައި އޮތުމަކީ އެންމެ ގިނަ މީހުން ރުޅި އައި ސަބަބެވެ. ހައްދުފަހަނަ އެޅުމަކީ ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކަމެއް ނަމަވެސް ބޮރީ ލިޔެފައިވާ ދަރަޖައާ ކައިރިކުރާ ވަރަށް އެކަމެއް ނެތްކަން އެއީ ހަގީގަތެވެ.
އެ ފޮތަކީ ބޮރީ 2017 ވަނަ އަހަރު ލިޔެފައިވާ ފޮތެކެވެ. އެ ފޮތަށް ރާއްޖޭގެ ބައެއް މީހުން އިންޓަވިއު ދީފައިވެ އެވެ. އެމީހުން ރާއްޖޭގެ ވާހަކަތައް ކިޔައިދޭން މަސައްކަތް ކޮށްފައިވާކަން އެނގެ އެވެ. އެކަމަކު، ފޮތުގެ މައްސަލައަކީ ލިޔުންތެރިޔާގެ ނެރޭޝަން ވަކި މަގުސަދެއް ހާސިލްކުރުމަށް ބައްޓަންކޮށްފައި އޮތުމެވެ.
ބޮރީ ކޮށްފައިވާ ޓްވީޓަކުން އެނގޭ ގޮތުގައި އެ ފޮތް ފިހާރަތަކާ ހަމައަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދިވެހިން ކިޔަމުންދާ ފާޑުކިޔުންތަކަށް ބޮރީ އަދި އެއްޗެއް ނުބުނެ އެވެ.