ލައިފްސްޓައިލް

ދިގު ވާހަކަ ކުރުކޮށްލީ ތިން ލަވައިން!

މިއުޒިކީ ދުނިޔޭގައި އުޅޭ މީހަކަށް ހިތުގެ އުދާސްތަކާއި ޝުއޫރުތައް އެންމެ ފަސޭހައިން ސިފަ ކޮށްދެވޭނީ ވެސް މިއުޒިކުގެ އެހީގަ އެވެ. ލަވަ ކިޔުންތެރިންނަކީ މި އުކުޅު ބޭނުން ކުރުމުގައި އެންމެ ނަގާ ކިޔާ މީހުނެވެ. ލަވައެއްގެ ޅެމުން އެތައް ވާހަކަ އެއް ކިޔައިދީފާނެ އެވެ. ހަޔާތެއްގެ ހިތިި ތަޖުރިބާ އާއި ފޮނިކަން ވެސް ގެނެސް ދީފާނެ އެވެ.

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ކަރަމް އިބްރާހިމް އަލީ، އޭނާގެ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ދުވަސްތައް ސިފަ ކޮށްދެނީ ވެސް މި ގޮތަކަށެވެ. ކަރަމްގެ ދިގު ވާހަކަ ކުރުކޮށްލީ ތިން ލަވައިންނެވެ.

އޮސްޓްރޭލިއާގައި ކިޔަވަމުން އަންނަ ކަރަމް އޭނާގެ އެންމެ ފަހުގެ ސޯލޯ އަލްބަމް "ލޯންގް ސްޓޯރީ ޝޯޓް" ރިލީޒް ކުރީ 2016 ވަނަ އަހަރު އޭނާ އޮސްޓްރޭލިޔާއަށް ދިއުމުން ކުރިމަތިވި ގޮންޖެހުންތަކާއި އުނދަގޫތައް އެ ލަވަތަކުގައި ކިޔައިދެމުންނެވެ. ކަރަމްގެ ފުލް ރޭންޖް ދައްކުވައި ދިނުމަށް ތިން ސްޓައިލްގެ ތިން ލަވަ ނެރުނަސް، މި ލަވަތަކުން އަޑު އިވޭނީ "ކުރީގެ ވެސް ކަރަމް" ކަމަށް އޭނާ ބުނެ އެވެ.

"މިއީ ކަރަމްގެ އޮރިޖިނަލް އަމިއްލަ ރާގުގެ ތިން ލަވަ އާއެކު ނެރޭ ފުރަތަމަ އީޕީ [އެކްސްޓެންޑެޑް ޕްލޭ/އަލްބަމް]. ކަރަމްގެ ރޭންޖް ފުލްކޮށް ދެއްކުމަށްޓަކައި، މީގައި ހިމަނަން ގަސްތުކުރީ ތިން ސްޓައިލްގެ ތިން ލަވައެއް. ކޮންމެ ލަވައަކުން ވެސް، ކަރަމްގެ މައިގަނޑު ތިން ސްޓައިލްގެ ތިން ލަވައެއް އިވޭނެ. އެއީ އަސްލު، ލަވަތައް 'ޕާސަނަލް' ވުން، ކަރަމް ކިޔާ ލަވަތަކަކީ ކަރަމް އަށް ވަަރަށް 'ޕާސަނަލް' އެއްޗެއް."

ކަރަމްގެ ލަވަތައް ސިފަ ކޮށްދިނީ ޑައިރީއެއްގައި ލިޔާ އެއްޗެއްގެ ގޮތުގަ އެވެ.

ކަރަމް ބުނި ގޮތުގައި މި ލަވަތަކަކީ އެކި މީހުނަށް އެކި މެސެޖު ނެގިދާނެ ލަވަތަކެކެވެ. ކޮންމެ މީހަކުވެސް ލަވަތައް އިބާރާތްކޮށް ސަރަހަ ކުރާނީ، އެމީހެއްގެ ހަޔާތާ ގުޅޭ ގޮތަށެވެ.

"ކޮންމެ މީހަކަށް ވެސް މި ލަވަތަކުން ނެގޭ މެސެޖު ތަފާތުވެދާނެ ކަންނޭނގެ، ކަރަމްގެ މަގްސަދަކީ ގިނަ ބަޔަކު މި ލަވަތައް އަޑު އަހާ މި ލަވަތަކުގެ ވާހަކަ ދެއްކުން އަދި ލަވަތަކުން އެމީހުންނަށް ނެގޭ މާނައަށް ބަހުސް ކުރުން".

އަދި، ކަރަމްގެ "ލޯންގް ސޮޓޯރީ ޝޯޓް" އަލްބަމް ރާއްޖޭގެ ލަވަފޮށީގެ އިތުރުން އައިޓިއުންސް ސްޕޮޓިފައި އަދި ޔޫޓިއުބް ފަދަ އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުން ވެސް އިވިގެންދާނެ އެވެ. މި އަލްބަމް ރެކޯޑު ކޮށްފައިވަނީ، އޮސްޓްރޭލިއާގެ ނަން މަޝްހޫރު ގިނަ ބޭންޑް ތަކެއްގެ މިއުޒިކްވެސް ރެކޯޑު ކުރާ "ދަ ގްރޯވް ސްޓޫޑިއޯ" ގަ އެވެ.

ކުރުކޮށް ފޮނިކޮށް ތިން ލަވައިން ކަރަމް ކިއީ ކިޔެވުމަށް ބޭރު ގައުމަކަށް ގޮސް އެތަނުގައި އުޅުމުގެ ތެރެއިން ދިމާވި އުނދަގޫ ދުވަސްތަކުގެ ތަޖުރިބާގެ ތެރެއިންނެވެ. މި އަލްބަމް މިހާރު ރިލީޒް ކޮށްފައިވާއިރު އަލްބަމް އިތުރަށް ފުރިހަމަ ކޮށްދިނީ، އަލްބަމްގެ ބޭރުގަނޑު ކުރަހާދީފައިވާ ރާއްޖޭގެ ޒުވާން ކުރެހުންތެރިޔާ މަލްދާގެ ތަފާތު އެކަމަކު، "މަލްސްއާޓް" ސްޓައިލްގެ ރީތި ކުރެހުމަކުންނެވެ.