ދުނިޔެ

ވާވޭ ކުންފުންޏަށް އެމެރިކާއިން ބޮޑެތި ދައުވާތަކެއް އުފުލައިފި

ޗައިނާގެ ޓެލެކޮމް ޖަޔަންޓް، ވާވޭ އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫގެ ފައިގާގެ މައްޗަށް ސީރިއަސް ޖިނާއީ ކުށްތަކެއްގެ ދައުވާ އެމެރިކާއިން އުފުލައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު، މޯބައިލް އުފައްދާ ކުންފުނި ވާވޭ އާއި އެ ކުންފުނީގެ ސީއެފްއޯގެ މައްޗަށް އުފުލާފައި ވަނީ ބޭންކްތަކަށް ދޮގު މައުލޫމާތު ދިނުމާއި އިންސާފު ގާއިމް ކުރުމަށް ހުރަސްއަޅައި ދަތި ކުރުން އަދި ޓެކްނޮލޮޖީން ވައްކަން ކުރުމުގެ ދައުވާ އެވެ.

ބޭންކްތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެ ކުންފުނީގެ މައްޗަށް ކުރަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ކުންފުނިތަކާ މުއާމަލާތް ކުރުމަށް އެމެރިކާގެ މާލީ އިދާރާތަކެއް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގާފައިވާތީ އެވެ. އަދި ޓެކްނޮލޮޖީން ވައްކަން ކުރުމުގެ ދައުވާ އުފުލާފައި ވަނީ އެމެރިކާގެ ޓެލެކޮމް ކުންފުނި ޓީމޯބައިލްގެ ޓެކްނޮލޮޖީއެއް ވަގަށް ނަގައި ބޭނުން ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެކަން ފޮރުވަން މަކަރު ހަދައި އޮޅުވާލުމުގެ ދައުވާ ވެސް ކުރެ އެވެ. މި ކުށްތަކުގައި ޖުމްލަ 23 ދައުވާއެއް ވާވޭގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

މި ދައުވާތަކުގެ ސަބަބުން، ޗައިނާ އެމެރިކާގެ ގުޅުން އިތުރަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ވާވޭ ކުންފުނިން ބުނީ އެމެރިކާއިން އުފުލި ދައުވާތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށާއި އެއީ މުޅިން ވެސް ސާބިތު ނުހިފޭ ދޮގު
ތުހުމަތު ކަމަށެވެ.

ޗައިނާ ސަރުކާރުން ވެސް އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، އެމެރިކާގެ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި އުފުލި ދައުވާތަކެއް ކަމަށާއި އެމެރިކާގެ ބޭނުމަކީ ޗައިނާގެ ކުންފުނިތައް ދުނިޔޭގެ ވިޔަފާރީގައި ކުރިއަރާ ދިޔުން މަޑު
ޖައްސާލުން ކަމަށެވެ.

ވާވޭގެ މައްޗަށް އެމެރިކާއިން ސީރިއަސް ތުހުމަތުތަކެއް ކުރާކަން ހާމަވީ، އެމެރިކާގެ އެދުމަކަށް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި އެ ކުންފުނީގެ ޗެއާމަންގެ ދަރިކަލުން މެންގް ވަންޒޫ ކެނެޑާގައި ހައްޔަރުކުރުމުން އެވެ. ބެއިލްގެ ދަށުން ކެނެޑާއިން އޭނާ ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ އެމެރިކާއާ ހަވާލުކުރުމުގެ މަސައްކަތް ކެނެޑާ ސަރުކާރުން ކުރަމުންދެ އެވެ. އެމެރިކާއިން ތުހުމަތު ކުރަނީ، އީރާނުގެ ކުންފުނިތަކާ އެކު މުއާމަލާތް ކުރުމަށް މެންގް ވަންޒޫ އިސްވެ ހުންނަވާ ބޮޑެތި އޮޅުވާލުންތަކެއް އެމެރިކާގެ ބޭންކްތަކަށް އޮޅުވާލައި ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.