ހަބަރު

ލީޒާ އަނެއްކާވެސް މަޖިލީހަށް ވާދަ ކުރަނީ

ޓީވީއެމްގެ ނޫސްވެރިއެއްގެ ގޮތުން މަގުބޫލުކަން ހޯދި ކުރީގެ ނޫސްވެރިޔާ އާއިޝަތު ލީޒާ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ނިންމައިފި އެވެ.

ލީޒާ މިއަދު އިއުލާން ކޮށްފައިވާ ގޮތުން އޭނާ އަންނަ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވަނީ ނ. ވެލިދޫ ދާއިރާއަށެވެ. ލީޒާއަކީ ވެލިދޫއަށް އުފަން ފަރާތެކެެވެ. އޭނާގެ މަންމައަކީ ވެލިދޫ ބޭފުޅެކެވެ. ލީޒާ އުޅެ ބޮޑުވެ، ސްކޫލް ތައުލީމް ހާސިލް ކުރީ ވެސް ވެލިދޫގަ އެވެ.

ލީޒާ ވަނީ ވެލިދޫ ދާއިރާގައި ހިމެނޭ ތިން ރަށުގެ ރައްޔިތުން އޭނާއަށް ތާއިދުކޮށްދިނުމަށް އެދިފަ އެވެ. ސިޔާސީ އެއްވެސް ޕާޓީއެއްގައި ލީޒާ މިހާރު މަސައްކަތެއް ނުކުރެ އެވެ.

އޭނާ މިއަދު އަވަސްއަށް ވިދާޅުވި ގޮތުގައި އޭނާ އިންތިހާބަށް ނުކުންނަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޕާޓީތަކުން އޭނާއަށް ތާއިދުކޮށް ދިނުމަކީ އޭނާގެ އެދުމެއް ކަމަށް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މިހާރުގެ މެންބަރު ޔާމީން ރަޝީދަކީ ވެސް ކުރީގެ ނޫސްވެރިއެކެވެ. ވެލިދޫ ދާއިރާއަށް މިފަހަރު އެމްޑީޕީގެ ފަރާތުން ވާދަ ކުރަނީ ވެސް ކުރީގެ ނޫސްވެރިޔެކެވެ. އެއީ ކުރިން ނެރުނު ސިޔާސީ ވަރުގަދަ މަޖައްލާއެއް ކަމަށްވާ، ފިޔެސްގެ އެޑިޓަރުކަން ވެސް ކުރެއްވި މުހައްމަދު އަބްދުﷲ ޝަފީގެވެ.

ނޫސްވެރިކަން ދޫކޮށްލައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ލީޒާ ސިޔާސީ ދާއިރާއަށް ނުކުތެވެ. އަދި 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރި އެވެ. ނަމަވެސް އޭނާ އެ ފަހަރު އިންތިހާބުން ބަލިވި އެވެ.

އެއަށްފަހު ރައީސް އޮފީހުގައި މަސައްކަތް ކުރި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމަށްފަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ލީޒާ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރި އެވެ. އެނބުރި ރާއްޖެ އައީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ބަލިވުމަށްފަހު އެވެ.

ލީޒާގެ އިތުރުން ވެސް އަންނަ މަޖިލިސް އިންތިހާބުގައި ކުރީގެ ނޫސްވެރިން ވާދަކުރެ އެވެ. އެގޮތުން ޗެނަލް13ގެ ކުރީގެ ނޫސްވެރިޔާ ލަޔާލު މަނިކު ޕީއެންސީގެ ޓިކެޓްގައި މަތިވެރި ދާއިރާއަށް ކުރިމަތިލަ އެވެ. ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވެސް ވަނީ ގަމު ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުކޮށްފަ އެވެ.